ދުނިޔޭގެ ވިޔަފާރި

އިންޑިއާގެ އިޤްތިޞާދީ ދުވެލި ހަލުއިވެއްޖެ


އިންޑިއާގެ އިޤްތިޞާދީ ދުވެލި މީގެ އެއް އަހަރު ކުރިއާ އަޅާބަލާއިރު މިއަހަރުގެ އޭޕްރީލް-ޖޫން ހިމެނޭ ކުއާޓަރުގައި %13.5 ހަލުއިވެއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ. އަދި މިއީ އަހަރެއްގެ ތެރޭގައި އެންމެ އަވަހަށް ކުރިއަރާފައިވާ ކުއާޓަރެވެ.

އިންޑިއާގެ އިޤްތިޞާދީ ދުވެލި ހަލުއިވެފައި މިވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން ދަނޑުވެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށް އާންމުކޮށްފައިވާ ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.

އިޤްތިޞާދީ މާހިރުން ލަފާކުރާ ގޮތުގައި އޭޝިއާގެ ތިން ވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮންނަ އިންޑިއާގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް އޭޕްރީލް-ޖޫން ކުއާޓަރުގައި އަހަރުން އަހަރަށް %15.2 އަށް ކުރިއަރާނެ ކަމަށާއި އޭގެ ކުރީ ކުއާޓަރުގައި %4.1 އަށް ކުރިއަރާނެ ކަމަށެވެ.

ޖުލައި މަހު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އިން ވަނީ މި އަހަރު އިންޑިއާގެ އިޤްތިޞާދީ ދުވެލު ކުރިއަރާނީ %7.އަށް ކަމަށް ލަފާކޮށްފައެވެ. މީގެކުރިން މި އަދަދު ހުރީ %8.2 ގައެވެ.

އިގްތިސާދީ ދުވެލި ކުރިއަށްވުރެ މަޑުވާނެކަމަށް އައިއެމްއެފް އިން ލަފާކުރި ނަމަވެސް އިންޑިއާ އަދިވެސް ހިމެނޭނީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑެތި އިޤްތިޞާދުތަކުގެ ތެރޭގައެވެ.

އޭޕްރީލް-ޖޫން ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދީ ދުވެލި ހަލުއިވެފައި މިވަނީ ދުނިޔޭގެ އިޤްތިޞާދަށް ހީނަރުކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ހަކަތައާއި ކާބޯތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ.

ކޯވިޑު ބަލިމަޑުކަމުގެ އެތައް ރާޅުތަކެއްގެ ސަބަބުން އިންޑިއާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އޮގަސްޓް މަހު ވަޒީފާނެތް މީހުންގެ އަދަދު ގާތްގަނޑަކަށް %8.5އަށް އަރާފައިވާކަމަށް ތިންކް ޓެންކް، ސެންޓަރ ފޯ މޮނިޓަރިން އިންޑިއަން އިކޮނޮމީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ މި މާލީ އަހަރު އިންފްލޭޝަން %6.7އަށް އަރާނެ ކަމަށް ލަފާކޮށް، މެއި މަހުން ފެށިގެން އިންޑިއާގެ ކީ އިންޓަރެސްޓް ރޭޓް 50 ބެސިސް ޕޮއިންޓް %5.4އަށް މަތިކޮށްފައެވެ.

2020-2021 ވަނަ އަހަރުގެ މާލީ އަހަރު %6.6 އަށް އިންޑިއާގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމަށްފަހު ވޭތުވެދިޔަ މާލީ އަހަރު އިގްތިސާދު ވަނީ %8.7އަށް ހަލުއިވެފައެވެ.