ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން ސީބީއެލް އާއި މާލޭ ވެޓެރަންސް މޮޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ސީބީއެލް މޮޅުވީ ނިއު ސްޓާ އަތުން ހަތް ވިކެޓުންނެވެ.
މި މެޗުގރ ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު ނިއު ސްޓާ އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 119 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 43 ބޯޅައިން 36 ލަނޑު ހެދި މުޙައްމަދު ސަޖީރެވެ. މި އިނިންގްސްގައި ސީބީއެލްގެ މުޙައްމަދު މަހުދީ އާއި އަޙްމަދު އިސްހާގު ވަނީ ކޮންމެ އުކުންތެރިއަކު ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި ސީބީއެލް ކުޅެން އަރައި 14.3 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 120 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 43 ލަނޑު ހެދި ހަސަން ހާޒިގް ރަޝީދާއި ނުބައި ނުވެ 24 ލަނޑު ހެދި އިބްރާހީމް ރިޒާނެވެ. މި އިނިންގްސްގައި ނިއު ސްޓާގެ އަލް އަމީން ވަނީ ދެ ވިކެޓް ނަގާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗު މާލޭ ވެޓެރަންސްއިން ކާމިޔާބުކުރީ އޮއްފު އެފްސީ އަތުން 149 ލަނޑުންއެވެ.
މި މެޗުގެ ގުރުދިމާވުމުން މާލޭ ވެޓްރަނަސް ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 219 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 66 ލަނޑު ހެދި ޗަންދަނާ އާއި 39 ބޯޅައިން 65 ލަނޑު ހެދި ތާރަކަ ރުވާންއެވެ. މި އިނިންގްސްގައި އޮއްފު އެފްސީގެ މުޙައްމަދު ފައިސަލް ވަނީ ދެ ވިކެޓް ނަގާފައެވެ.
ޖަވާބުގައި އޮއްފު އެފްސީ ކުޅެން އަރައި 17.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 70 ލަނޑެވެ. މި އިންގްސްގައި މާލޭ ވެޓެރަންސްގެ ޖާނަކަ ވަނީ ދެ ވިކެޓް ނަގާފައެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހުވެސް ދެ މެޗު ކުޅޭއިރު، ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.