އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗުތައް ކުޅޭ ނިއުޖަރޒީގެ ޓްރެއިން އަދި ބަހުގެ އަގުތައް ކުޑަކޮށްފި އެވެ.
ނިއު ޖަރޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭ މެޗުތައް ބެލުމަށް ދާ ސަޕޯޓަރުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ޓްރެއިންގެ އަގު 150 އެމެރިން ޑޮލަރުން 111 އެމެރިކާ ޑޮލަރަށް އަދި 98 ޑޮލަރުން 73 ޑޮލަރަށް ކުޑަކޮށްފައިވާއިރު, ބަހުގެ އަގުތައް ވަނީ 20 ޑޮލަރުން 15 ޑޮލަރަށް އަދި 80 ޑޮލަރުން 59 ޑޮލަރަށް ކުޑަކޮށްފަ އެވެ.
އެމެރިކާގައި ބާއްވާ ވޯލްޑްކަޕްގެ މެޗުތަކުގެ ޓިކެޓުގެ އިތުރުން ދަތުރު ފަތަރުގެ ޚަރަދު ބޮޑުވުމާއި ގުޅިގެން އެކަމުގެ ހިތްހަމަނުޖެހުން ގިނަ ސަޕޯޓަރުންތަކެއްވަނީ ފާޅުކޮށްފަ އެވެ. އަދި ނިއު ޖަރޒީގެ ގަވަނަރ ވެސް ވަނީ ދަތުރުފަތުރުގެ އަގުބޮޑުކަން ގަބޫލުކޮށް އަގުތައް ސަބްސިޑައިޒް ކުރަން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕްގެ އެތެރޭގެ ދަތުރު ފަތުރުގެ އަގުތައް އިންތިހާއަށް ބޮޑުވެފައިވާއިރު އެންމެ ފަހުން ރަޝިޔާ އާއި ގަތަރުގައި ބޭއްވި ވޯލްޑްކަޕްގައި އެއްގަމު ދަތުރުތައް އެ ދެ ގައުމުން ހަމަޖައްސާފައިއޮތީ ހިލޭ ކުރެވޭ ގޮތަށެވެ.
ނިއު ޖާރޒީގެ ޓްރެއިން އާއި ބަހުގެ އަގުތައް ކުޑަކޮށްފައިވާއިރު އެމެރިކާގެ ބައެއް އެހެން ސިޓީ ތަނުގައި އެއްގަމު ދަތުރުތަކުގެ އަގު ވަނީ ވަރަށް ބޮޑުކޮށްފަ އެވެ. އަދި އެކަމާއި ދެކޮޅަށް ގިނަ ބަޔަކުދަނީ އަޑުއުފުލަމުންނެވެ.