ޚަބަރު

އީރާނަށް ދެމުންދާ ހަމަލާތައް އެސްސީއޯއިން ކުށްވެރިކޮށްފި


އީރާނާ ދެކޮޅަށް އެެމެރިކާއާއި ޔަހޫދީން ދެމުންދާ ހަމަލާތަކާއި މެންބަރު ޤައުމުތަކާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ޝަންހާއީ ކޯއޮޕަރޭޝަން އޯގަނައިސޭޝަން (އެސްސީއޯ)އިން ކުށްވެރިކޮށްފިއެވެ.

ކިރްގިސްތާނުގެ ބިޝްކެކުގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި އެސްސީއޯގެ ސަމިޓަށް ފަހު އެ ޖަމްޢިއްޔާއަށް ނިސްބަތްވާ ޤައުމުތަކުގެ އިސްވެރިން ސޮއިކުރައްވައި އެކުގައި ބަޔާނެއް ނެރުއްވާފައިވެއެވެ. ބިޝްކެކް ޤަރާރުގެ ނަން ދީ ނެރެފައިވާ މި ބަޔާނުގައި ޗައިނާގެ ރައީސް ޝީ ޖިންޕިިންއާއި ރަޝީޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ސޮއިކުރައްވާފައިވެއެވެ. އަދި އެސްސީއޯއަށް ނިސްބަތްވާ އެހެން ޤައުމުތަކުގެ އިސްވެރިން ވެސް އެ ބަޔާނުގައި ސޮއިކުރައްވާފައިވެއެވެ. އެސްސީއޯ އެކުލެވިގެން ވަނީ ރަޝިޔާއާއި ޗައިނާއާއި އިންޑިޔާއާއި ޕާކިސްތާންއާއި އީރާންއާއި ބެލަރޫސްއާއި އެޒްބަކިސްތާންއާއި ކަޒަކިސްތާންއާއި ތަޖިކިސްތާންގެ އިތުރުން ކިރްގިޒް ރިޕަބްލިކްގެ މައްޗަށެވެ.

އެސްސީއޯއިން ނެރުނު ބަޔާނުގައި އީރާނާ ދެކޮޅާށް ދެމުންދާ އަސްކަރީ ހަމަލާތައް ކުށްވެރިކޮށް ބުނީ އެ ހަމަލާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ ޢާންމުން ޝަހީދުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އީރާނުގެ އިޤްތިޞާދަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތަކަކީ އޭގެ ސަބަބުން ބައިނަލްއަޤްވާމީ ޤާނޫނުގެ އުސޫލުތަކާއި ހަމަތަކަށް ފުށުއަރާ ހަމަލާތަކެއް ކަމަށާއި، އދގެ ޗާޓަރަށް ވެސް ފުށުއަރާ ހަމަލާތަކެއް ކަމަށް ވެސް ބަޔާނުހގައި ފާހަގަކޮށްފައިވެއެވެ. ބައިނަލްއަޤްވާމީ ޞުލްޙައަށާއި ސަލާމަތަށާއި ހަމަޖެހުމަށް އެ ހަމަލާތަކުގެ ސަބަބުން ނުރައްކާ ވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެމެރިކާގެ ހަމަލާތަކުގައި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޝަހީދުވި އީރާނުގެ އޭރުގެ އެންމެ އިސްވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީގެ މަރާ ގުޅިގެން އެސްސީއޯއިން ވަނީ އީރާނުގެ ރައްޔިތުންނާއި ސަރުކާރަށް ތައުޒިޔާ ފޮނުވައިފައެވެ. އެ ބަޔާނުގައި އީރާނުގެ މިނިވަންކަމާއި އިސްތިޤުލާލަށް އެސްސީއޯއިން ވާގިވެރިވާ ކަމަށް ބަޔާންކޮށް ބުނީ މެދުއިރުމަތީގެ މައްސަލައަށް ސިޔާސީ އަދި ޚާރިޖީ ހަމަތައް ބޭނުންކޮށްގެން ޙައްލެއް ހޯދަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ޔަހޫދީން ފަލަސްޠީނާ ދެކޮޅަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ހުޅަނގު އޭޝިޔާގެ ހަމަޖެހުން ގެއްލިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. މެދުއިރުމަތީގެ ޞުލްޙައާއި ހަމަޖެހުން ހޯދޭނީ ފަލަސްޠީނާ ގުޅޭ ސުވާލަށް ވަށާޖެހޭ، ފުރިހަމަ އަދި އިންސާފުވެރި ޖަވާބެއް ހޯދައިގެން ކަމަށް ވެސް ބުނެފައިވެއެވެ.

ނިއުކްލިޔަރ ނަން-ޕްރޮލިފަރޭޝަން ޓްރީޓީ، އެންޮޕީޓީގައި ހިމެނޭ މެންބަރެއްގެ ހައިސިއްޔަތުން އީރާނަށް ލިބިދޭ ހައްޤުތަކާ ގުޅޭ ގޮތުން ވެސް ބަޔާނުގައި ލިޔެފައިފައިވެއެވެ. ޞުލްޙަވެރި މަޤްޞަދުރަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގެ ހައްޤު އީރާނަށް ލިބިގެންވާ ކަމަށާއި، އެ ކަން ހުއްޓުވުމަކީ ބައިނަލްއަްޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެސްސީއޯގެ މެންބަރުން ވަނީ އިޤްތިޞާދީ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރު ކުރުމަށް ނިންމައިފައެވެ. އަދި ނިރުބަވެރިކަމާއި ވަކިވެގަތުމާއި ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.