މާލެ ސަރަޙައްދުގައި ދުވާލެއްގެ މައްޗަށް ހިނގާ އެކްސިޑެންޓުތަކުގެ އަދަދު އިތުރުވަމުންދާއިރު، އެންމެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާކަމަށް ފާހަގަވެފައި ވަނީ ހުޅުމާލޭގައިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ހުޅުމާލޭގައި 1،295 އެކްސިޑެންޓު ވަނީ ހިނގާފައެވެ. މިއީ އެ މުއްދަތުގައި މުޅިރާއްޖެއިން ރިޕޯޓުކުރެވުނު 2،018 އެކްސިޑެންޓުގެ %64 އެވެ. މިއަހަރުގެ ކޮންމެ މަހަކުވެސް 200 އަށްވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.
އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގައެވެ. އެސަރަޙައްދުގައި 887 އެކްސިޑެންޓު އަދި ފޭސް 2 ގައި 408 އެކްސިޑެންޓު ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓްު ހިނގާކަމަށް ފުލުހުން ފާހަގަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި އަލަށް ހަދާފައިވާ ރައުންޑަބޮޓުތަކުގައެވެ.
• އެމްޑަބްލިއުއެސްސީ: 32
• އެސްޓަރސް ރައުންޑަބައުޓް: 26
• ވިނަރެސް 1 ރައުންޑަބައުޓް: 25
• ސަހަރާ ރައުންޑަބައުޓް: 19
• އިހުސާނު ފިހާރަ ކައިރި: 15
• ހިޔާ ފްލެޓް 8: 13
• ޕީކްއަބޫ: 10
• ރުއްގަނޑު 1 ރައުންޑަބައުޓް: 9
އެންމެ ގިނައިން އެކްސިޑެންޓު ހިނގާ ސަރަޙައްދުތަކުގެ އިތުރުން، ފުލުހުން ވަނީ އެންމެ ގިނައިން އެކްސިޑެންޓު ހިނގާ ވަގުތުތަކުގެ ތަފާސްހިސާބުވެސް އާއްމުކޮށްފައެވެ. އެގޮތުން އެންމެ ގިނައިން އެކްސިޑެންޓް ހިނގަނީ ހަވީރު 3:00 އާއި 6:00 އާ ދެމެދުއެވެ.
• 00:00-06:30 - 81 އެކްސިޑެންޓު
• 06:30-12:00 - 264 އެކްސިޑެންޓު
• 12:00-15:00 - 209 އެކްސިޑެންޓު
• 15:00-18:00 - 337 އެކްސިޑެންޓު
• 18:00-20:00 - 155 އެކްސިޑެންޓު
• 20:00-00:00 - 250 އެކްސިޑެންޓު
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ރައުންޑަބައުޓްތަކުގައި އެންމެ ގިނައިން އެކްސިޑެންޓުވަނީ ދުވެލި މަޑުނުކުރުމާއި ނުބައި ލޭނަކުން ދުއްވުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން ރައުންޑަބައުޓްތައް ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަންވެސް ފުލުހުން ވަނީ ހިއްސާކުރައްވާފައެވެ.
• ރައުންޑަބައުޓަށް ވަނުމުގެ ކުރިން ދާން ބޭނުންވާ ލޭނަށް ބަދަލުވުން
• އެހެން ލޭނަކަށް އަޅާނަމަ ގާތްގަނޑަކަށް 15 ސިކުންތު ކުރިން ސިގްނަލް ދިނުން
• ރައުންޑަބައުޓަށް ވަނުމުގެ ކުރިން، ބުރުގެ އެތެރޭގައިވާ އުޅަނދުތަކަށް ޖާގަ ދިނުމުގެ ގޮތުން މަޑުކުރުން
• ރައުންޑަބައުޓްގައި ޖާގަ ހުސްވުމުން ނޫނީ އެތެރެއަށް ނުވަނުން
• ރައުންޑަބައުޓް އެތެރޭގައި ލޭން ބަދަލު ނުކުރުން
މާލެ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވަމުންދާ މައިގަނޑު ސަބަބު ތަކުގެ ގޮތުގައި ފުލުހުންނަށް ފާހަގަކުރެވިފައިވާ ސަބަބުތައްވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސްޕީޑް ލިމިޓަށް ނުބަލައި ބާރަށް ދުއްވުމުގެ ސަބަބުން ކުއްލި ހާލަތްތަކުގައި އުޅަނދު ކޮންޓްރޯލް ނުކުރެވުމައި، ދުއްވަމުން ފޯނުން ވާހަކަދެއްކުމާއި މެސެޖުކުރުން ފަދަ ކަންކަން ކުރަމުން، މަގުމައްޗަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ނުދީ ދުއްވުމާއި، ސައިޑް މިރާރ އަށް ނުބަލައި އޯވަޓޭކް ކުރުމާއި، ސައިން ބޯޑުތަކަށާއި ޓްރެފިކް ސިގްނަލްތަކަށް ހުރުމަތްތެރިކޮށް ނުހިތުން ހިމެނެއެވެ.
މާލެއާއި ހުޅުމާލޭގައި އުޅަނދުފަހަރުގެ އަދަދު އިންތިހާއަށް އިތުރުވެ މަގުތަކުގެ ޖާގައަށްވުރެ އުޅަނދު ގިނަވުމުގެ އިތުރުން، އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ އަދި ލައިސަންސް ނެތި އުޅަނދު ދުއްވުމަކީވެސް އެކްސިޑެންޓްތައް އިތުރުވާ މައިގަނޑު އެއް ސަބަބުކަމުގައި ފުލުހުން ވިދާޅުވެއެވެ.
ހުޅުމާލެ ޓްރެފިކް ޕޮލިހުގެ ހެޑް، ޗީފް އިންސްޕެކްޓަރ އަހުމަދު ހަނީފު ވިދާޅުވީ، މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އެކްސިޑެންޓު އެންމެ ގިނައިން ހިނގާ ސަރަޙައްދުތަކުގައި ފުލުހުން ބައިތިއްބާ މިންވަރު އިތުރުކޮށް، ކުރިއަށްވުރެވެސް ޚިދުމަތް ހަރުދަނާކުރަމުންދާ ކަމަށެވެ.
ރައުންޑަބައުޓްތަކުގައި ދުއްވާނެ ގޮތުގެ ހޭލުންތެރިކަން އާންމުންގެ މެދުގައި ކުޑަވުމަކީ އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކަށްވާތީ އާންމުން ހޭލުންތެރިކުރުމުގެ އިތުރު ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
"އަބަދުވެސް ވިސްނަންވާނެ ތިމާ ކިތަންމެ ފަރިތަޔަސް ދެން ހުރި މީހާ ފަރިތަ ނުވެދާނެކަމަށް. އެހެންވީމަ ދުއްވާއިރު ވަރަށް ބޮޑަށް އެކަަމަށް ވިސްނާ، އެހެންމީހުންނަށް ސަމާލުވާންވާނެ." އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އާސިމް ޢަބްދުﷲ ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެއާއި، ރާއްޖެތެރޭގެ އެކި ރަށްރަށުގައި ރޯޑް ޝޯވ ތަކާއި، ހޭލުންތެރިކުރުމުގެ އެތައް މަސައްކަތެއްވެސް ދަނީ ކުރަމުންނެވެ. އަދި މަގުމަތީގެ ސަލާމަތަށް ޓްރެފިކް ޕޮލިހުން އިތުރަށް ތަމްރީނުކޮށް، އެ ޚިދުމަތްވެސް ދަނީ ފުޅާކުރަމުންނެވެ.