ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗް ބާސެލޯނާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ބާސާއިންނެވެ. މެޗްގެ ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރީ 21 ވަނަ މިނެޓްގައެވެ.
މި ލަނޑު އެޓީމަށް ޖަހަދިނީ ރަފީނިއާއެވެ. އަދި މެޗްގެ 36 ވަނަ މިނެތްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހާ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ބާސާގެ ފަހު ލަނޑު 50 ވަނަ މިނެޓްގައި ޖަހާދިނީ އެރިކް ގާސިއާއެވެ. މެޗްގައި ސެވިއްޔާއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑެއް ޖެހުމާއި ގާތަށް ގޮސްފައިވެއެވެ. މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ސެވިއްޔާގެ އިވާން ރަކިޓިޗް އާއި ޔޫސުފް އެން ނަސީރީއަށް ލިބިގެންދިޔައެވެ.
މި ކާމިޔާބީއާއެކު ބާސާއިން މިހާރު ވަނީ މިފަހަރުގެ ސީޒަންގައި މިހާތަނަށް ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބުކޮށް އެއް މެޗް އެއްވަރުކޮށްގެން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސެވިއްޔާ އުޅެނީ މި ސީޒަންގައި އަދި މެޗަކުން މޮޅުނުވެ ލިބިފައިވާ އެންމެ ޕޮއިންޓަކާއި އެކު ތާވަލުގެ 17 ވަނައިގައެވެ. އަދި ސެވިއްޔާގެ ސަޕޯޓަރުން ވަނީ މިކަމުގެ ހިތްހަމަ ނުޖެހުން މެޗް ނިމުމާއެކު ފާޅުކޮށްފައެވެ.