ޚަބަރު

"ދަ ރިންގްސް އޮފް ޕަވަރ" އެމެޒޯން ޕްރައިމް ވީޑިއޯގެ ރިކޯޑްތައް މުގުރާލައިފި


"ލޯޑް އޮފް ދަ ރިންގްސް" ޕްރިކްއެލް ސީރީޒް ފުރަތަމަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން 25 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ ކަމަށާއި، މިއީ ޕްރައިމް ވީޑިއޯ ސީރީޒެއްގެ ޑެބިއުއަކަށް ލިބުނު އެންމެ ބޮޑު ތަރުޚީބުކަމަށް އެމެޒޯންއިން ބުނެފިއެވެ.

އެމެޒޯންއިން މިދިޔަ ހުކުރު ދުވަހު ވަނީ 240 އަށް ވުރެ ގިނަ ޤައުމާއި، ސަރަހައްދުތަކުގައި އެ ކުންފުނީގެ ސްޓްރީމިން ސަރވިސްކަމަށްވާ ޕްރައިމް ވީޑިއޯގައި "ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވަރ" ގެ ފުރަތަމަ 2 އެޕިސޯޑް ނެރެފައެވެ.

ފުރަތަމަ 2 އެޕިސޯޑު 25 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވާކަމަށް އެމެޒޯންއިން ހާމަކޮށްފައިވާއިރު، މިއީ ޕްރައިމް ވީޑިއޯގައި ސީރީޒަކަށް މިހާ ގިނަ ވިއުވަޝިޕް ލިބުނު ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މި ޢަދަދަކީ 2 އެޕިސޯޑު ފެށިގެން ނިމެންދެން ސްޓްރީމްކުރި މީހުންގެ ޢަދަދުކަމެއް އެކުންފުނިން ހާމަކޮށްފައެއްނުވެއެވެ.

"ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވަރ"ގެ ފެށުން ރަނގަޅުވެފައިވާއިރު، މިދިޔަ މަހުގެ 21 އިން ފެށިގެން އެޗް.ބީ.އޯ މެކްސްއިން ދައްކަން ފަށާފައިވާ "ގޭމް އޮފް ތްރޯންސް" ގެ ޕްރީކުއެލް، "ހައުސް އޮފް ދަ ޑްރެގަން" އަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޚީބެއް އަންނަނީ ލިބެމުންނެވެ.

އެހެންކަމުން މި 2 ސީރީޒްގެ ވާދަވެރިކަން ކުރިއަށްއޮތްތާނގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މިމަހުގެ 2 ވަނަ ދުވަހު ސްޓްރީމްކުރަން ފެށި "ރިންގްސް އޮފް ޕަވަރ"ގެ އެޕިސޯޑުތައް އޮކްޓޯބަރު 14 ވަނަ ދުވަހުގެ ސީޒަން ފިނާލޭއާއި ހަމައަށް ކޮންމެ ހަފްތާއަކު ލޯންޗްކުރާނެއެވެ.

ޑީޖޭ ޕޭންގެ "ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވަރ" ގައި ދައްކާނީ ޕީޓަ ޖެކްސަންގެ "ދަ ހޮބިޓް" އާއި "ލޯޑް އޮފް ދަ ރިންގްސް" ގެ ވާހަކައާއި ފިލްމުތަކަށްވުރެ 4000 އަހަރު ކުރިން "ސެކަންޑް އޭޖް"ގެ ނަމުން މަޝްހޫރުވެފައިވާ ދުވަސްވަރެއްގައި ހިނގާ ހާދިސާތަކެކެވެ.


އެމެޒޯންއިން ރާވާފައި ވަނީ "ރިންގްސް އޮފް ޕަވަރ"ގެ މުޅި ވާހަކަ ޖުމްލަ 5 ސީޒަނަކުން ގެނެސްދިނުމަށެވެ. މި ސީރީޒްގައި ހިމެނޭ ކާސްޓުންގެ ތެރޭގައި މޮފީޑް ކްލާކް، ރޮބާޓް އަރަމަޔޯ، މާކެލާ ކެވެނާ، ޖޯސެފް މައޫލޭ، ބެންޖަމިން ވޯކަރ އަދި ޓައިރޯ މުހާފިދީން ފަދަ ތަރިން ހިމެނެއެވެ.

"ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވަރ"ގެ ފުރަތަމަ ސީޒަނަށް އެކަނިވެސް 465 މިލިއަނަށްވުރެ ގިނަ ޑޮލަރު އެމެޒޯންއިން ޚަރަދުކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މިއީ މިހާތަނަށް އުފައްދާ އެންމެ އަގު ބޮޑު ޓީވީ ސީރީޒްތަކުގެ ތެރޭގައި ހިމެނޭ ވަރަށް އުއްމީދީ ޝޯވއަކަށް ވެގެންދާނެކަމަށް އެމެޒޯންއިން ބުނެއެވެ.