ކުޅިވަރު

ވަރުގަދަ ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ


އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް 2022 ގެ ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ރާއްޖޭގެ ގައުމީ އަންހެން ނެޓްބޯޅަ ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހު ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށް ކުޅުނުއިރު، އެ މެޗުން ރާއްޖެ ބަލިވީ 96 ޕޮއިންޓް 10 ޕޮއިންޓުންނެވެ،

މމި މެޗުގެ ފުރަތަމަ ދެ ކުއާޓާ ސިންގަޕޫރުން ނިންމާލީ ބޮޑު ލީޑަކާއެކުގައެވެ. އެގޮތުން ފުރަތަމަ ދެ ކުއާޓާގައި ސިންގަޕޫރުން ވަނީ 47 ޕޮއިންޓް ހޯދާފައެވެ. އަދި މި ދެ ކުއާޓާގައި ރާއްޖެއަށް ހޯދުނީ ހަތް ޕޮއިންޓެވެ.

މި މެޗުގައި ދިވެހި ޓީމަށް އެންމެ ބޮޑަށް މައްސަލަތައް ދިމާވީ ޓީމުގައި ހުރި އެންމެ އިތުބާރު ޑިފެންޑަރު މަރިޔަމް ރަނާގެ ފަޔަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުމުންނެވެ.

މި މެޗުން މޮޅުވި ސިންގަޕޫރަކީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެގޮތުން އެ ގައުމުން ވަނީ އޭޝިއަން ޗެމްޕިއަންޝިޕުގެ ރަން މެޑެލް މިހާތަނަށް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދާ މި މުބާރާތުގައި އޭޝިއާ ސަރަހައްދުގެ 11 ގައުމަކުން ވާދަކުރެއެވެ. މި 11 ޓީމު ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު, ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ހިމެނެނީ ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސިންގަޕޫރާއި ޖަޕާނެވެ.