ދުނިޔޭގެ ވިޔަފާރި

ތައިލޭންޑުގެ އިންފްލޭޝަން މައްޗަށް!


ތައިލެންޑްގެ އިންފްލޭޝަން 3 ވަނަ ކުއާޓަރުގައި %6 އަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފިއެވެ.

އިންފްލޭޝަން މަތިވި ނަމަވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ބޭންކުގެ އިސްވެރިޔާ ވަނީ ވިދާޅުވެފައެވެ.

އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކުރި ނަމަވެސް މިހާރުގެ އިންފްލޭޝަން ރޭޓު އަދިވެސް ހުރީ މަރުކަޒީ ބޭންކުގެ ޓާގެޓް ރޭންޖުގެ ތެރޭގައިކަމަށް ބޭންކް އޮފް ތައިލެންޑް، ބީއޯޓީގެ ގަވަރުނަރު ސެތަޕޫތު ސުތިވަރޓްނާރޫޕުޓް ވިދާޅުވިއެވެ.

ތައިލެންޑްގެ ހެޑްލައިން ކޮންސިއުމާ ޕްރައިސް އިންޑެކްސް، ސީޕީއައި އޭގެ ކުރީ އަހަރާ އަޅާބަލާއިރު އޮގަސްޓް މަހު ވަނީ %7.86 އަށް މައްޗަށް ޖެހިފައެވެ. މިއީ ވޭތުވެދިޔަ 14 އަހަރު ތެރޭގައި އެންމެ އަވަހަށް ކުރިއަރާފައިވާ ފަހަރު ކަމަށް ކޮމާސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ތައިލޭންޑުގެ އިގްތިސާދު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު މިއަހަރުގެ އިގްތިސާދީ ދުވެލި ގާތްގަޑަކަށް %3 އަށް ހަލުއިވާނެކަމަށާއި އަންނަ އަހަރުގެ އިގްތިސާދީ ދުވެލި %4 އަށް ހަލުއި ވާންޖެހޭނެކަމަށް ސެތަޕޫތު ވިދާޅުވިއެވެ.

ބީއޯޓީން މިދިޔަމަހު ވަނީ ގާތްގަނޑަކަށް ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިންފްލޭޝަން ކޮންޓްރޯލްކުރުމަށް އިންޓަރެސްޓް ރޭޓް ބޮޑުކޮށްފައެވެ. އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ސެޕްޓެމްބަރު 28 ގައި ދެން އޮންނަ ބައްދަލުވުމުގައި އަނެއްކާވެސް އިންޓްރެސްޓް ރޭޓް ބޮޑުކުރާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސެތޫޕަތު ވިދާޅުވިއެވެ.