ދުނިޔޭގެ ވިޔަފާރި

ޔޫރޯ ޒޯންގެ މިސްރާބުވެސް ރިސެޝަނަކާއި ދިމާލަށް


ޔޫރޯ ޒޯންގެ ގައުމުތަކުގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، ގާތްގަނޑަކަށް ރިސެޝަނަކާއި ދިމާލަށް މިސްރާބު ޖަހާފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އަގުތަކުގެ ޕްރެޝަރުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބުނު ނަމަވެސް، ސާވޭތަކުން ދައްކާ ގޮތުގައި، އެ ޕްރެޝަރުތައް މިހާރު ވަނީ މަތިވެފައެވެ. މިއާއިއެކު މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ޓާގެޓް ކަމަށްވާ %2 އަށްވުރެ ހަތަރު ގުނަ އިތުރަށް އިންފްލޭޝަން މަތިވުމުން ބޭންކަށް ވަނީ ޕްރެޝަރާއި ކުރިމަތިވެފައެވެ.

ލޯނު ނެގުމުގެ ހަރަދުތައް އިތުރުވުމަކީ ދަރަނިވެރިވެފައިވާ ކޮންސިއުމަރުންނަށް ލިބޭނެ އިތުރު ގެއްލުމެއް ނަމަވެސް ރޮއިޓާސްގެ ޕޯލުގެ މާހިރުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ބުނީ މި ހަފްތާގައި އީސީބީން ކުރިން ނުފެންނަ 75 ބެސިސް ޕޮއިންޓް ރޭޓް ބޮޑުވާނެ ކަމަށެވެ. އެގޮތަށް ލަފާކުރި ނަމަވެސް ރަޝިއާއިން ޔޫރަޕަށް ގޭސް ފޯރުކޮށްދޭ މައި ހޮޅި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމުން ވޭތުވެދިޔަ 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޔޫރޯގެ އަގު 99 އެމެރިކާ ސެންޓަށް ވުރެ ދަށަށް ވަނީ ގޮސްފައެވެ.

އިގްތިސާދީ ހާލާތު އަންގައިދޭ ގައިޑެއްގެ ގޮތުގައި ދެކޭ އެސް އެންޑް ޕީ ގްލޯބަލްގެ ފައިނަލް ކޮމްޕޮޒިޓް ޕާޗޭސިން މެނޭޖަރސް އިންޑެކްސް، ޕީއެމްއައި އިން ދައްކާގޮތުގައި ޔޫރޯޒޯންގެ ޕީއެމްއައި އިންޑެކްސް އޮގަސްޓްމަހު ވަނީ 48.9 އަށް ވެއްޓިފައެވެ. މި އަދަދު އޭގެކުރިން ޖުލައިމަހު ހުރީ 49.9 ގައެވެ.

ޔޫރޯޒޯންގެ ގައުމުތައް ކުރިން ލަފާކުރިވަރަށްވުރެ އަވަހަށް ރިސެޝަނަކަށް ހިނގައިދާނެކަމަށް ޕީއެމްއައިގެ ސާވޭތަކުން އިޝާރާތްކުރާ ކަމަށް ރޯޔަލް ބޭންކް އޮފް ކެނެޑާގެ ޕީޓާ ޝަފްރިކް ވިދާޅުވިއެވެ. ޔޫރޯޒޯންގެ އެންމެ ބޮޑު އިގްތިސާދު އޮންނަ ޖަރުމަނުވިލާތުގެ އިގްތިސާދީ ދުވެލިވެސް މަޑުޖެހި ރިސެޝަނަކާއި ދިމާލަށް މިސްރާބު ޖަހާފައިވާކަމަށް މީގެކުރިން ރިޕޯޓުތައް ވަނީ ބުނެފައެވެ.

ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަރުމަނުވިލާތުގެ އިގްތިސާދު ވިދިވިދިގެން ދެވަނަ ކުއާޓަރުގައި ދަށްވެފައިވާއިރު، އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން އެތެރޭގެ ޑިމާންޑަށްވެސް ވަނީ އަސްރުކޮށްފައެވެ.

މި ކުއާޓަރުން ފެށިގެން ވިދިވިދިގެން 3 ކުއާޓަރުގައި އެގައުމުގެ އިގްތިސާދީ ދުވެލި މަޑުވާނެ ކަމަށް ރޮއިޓާސްގެ ޕޯލުން ވަނީ ދައްކާފައެވެ. ޔޫރޯ ޒޯނުގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ފްރާންސްގެ އިގްތިސާދީ ދުވެލި ވަނީ އަމާޒުކުރިވަރަށްވުރެ ދަށްވެފައެވެ.

އިޓަލީގެ ހިދުމަތްތަކުގެ ސިނާއަތް އަނބުރާ ކުޑަ ކުރިއެރުމަކަށް އައި ނަމަވެސް އިންފްލޭޝަންގެ ސަބަބުން ކުންފުނިތަކުން ކަންބޮޑުވުމާއި ޖެނުއަރީމަހުން ފެށިގެން ސްޕެއިންގެ ހިދުމަތްތަކުގެ ސިނާއަތް ކުރިއަރާފައިވަނީ ވަރަށް ކުޑަކޮށެވެ.

އޮގަސްޓު މަސް ނިމުނިއިރު އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފައެވެ. ޖުމްލަ ވިޔަފާރީގެ ހަރަކާތްތައް ފެބްރުއަރީ 2021 އަށް ފަހު ފުރަތަމަ ފަހަރަށް ދަށްވެފައިވާއިރު ރިސެޝަނަކަށް ހިނގައިދާނެކަން ވަރަށް ސާފުކޮށް ފެންނަކަމަށް ޕީއެމްއައިއިން ދައްކައެވެ.

އޭޝިއާގައި ސާވޭތަކުން ދައްކާ ގޮތުގައި ޗައިނާގެ ހިދުމަތުގެ ދާއިރާއަށް ލިބުނު ވަރުގަދަ ކުރިއެރުމަކަށް ކުޑަކޮށް ލުއި ލިބުނު އިރު، ޖަޕާނުގައި ފަސް މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ދާއިރާ ވަނީ ދަށްވެފައެވެ. ނަމަވެސް އިންޑިއާގެ ސާވިސަސް އިންޑަސްޓްރީ މިދިޔަމަހު ހީކުރި ވަރަށް ވުރެ ބާރަށް ކުރިއަރާފައި ވަނީ ޑިމާންޑް ވަރުގަދަކޮށް ފުޅާވުމާއި ހަރަދުގެ ޕްރެޝަރުތައް ލުއިވުމާއި ގުޅިގެންނެވެ.