ކުޅިވަރު

ޔޫއެސް އޯޕަން: ހަތަރުވަނަ ބުރުން ނަޑާލް ބަލިވެއްޖެ


ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ޓެނިސް ތަރި ސްޕެއިންގެ ރަފައެލް ނަޑާލް ހަތަރުވަނަ ބުރުގައި އެމެރިކާގެ ފަރަންސެސް ޓިއަފޯއި އަތުން ބަލިވެއްޖެއެވެ.

ނަޑާލް މި މެޗުން ބަލިވެފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ ހައެއް ހަތަރެއް، ހަތަރެއް ހައެއް، ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ.

މި ނާކާމިޔާބީއާއެކު ގްރޭން ސްލޭމުގެ 23 ވަނަ މުބަރާތް ކާމިޔާބުކުރުމަށް ނަޑާލް ކުރި މަސައްކަތް މިވަނީ ނާކާމިޔާބުވެގެން ގޮސްފައެވެ.

މި މެޗުގެ ހަތަރުވަނަ ސެޓުގައި ނަޑާލް ތިނެއް އެކެއްގެ ލީޑެއް ނެގި ނަމަވެސް، ޓިއަފޯއި ވަނީ ފަހަތުން އަރައި ހަތަރުވަނަ ސެޓު ކާމިޔާބުކޮށްފައެވެ. މޮ މޮޅާއެކު މި މުބާރާތުގެ ކުއާޓާ ފައިނަލަށް ޓިއަފޯއި ދަތުރުކުރިއިރު، ކުއާޓާގައި އޭނާ ބައްދަލުކުރާނީ ރަޝިއާގެ އަންދްރޭ ރުބްލޯފް އާއެވެ.

މި ފަހަރުގެ ޔޫއެސް އޯޕަން އާއެކު ދުނިޔޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ފުރުސަތު ތިން ކުޅުންތެރިއަކަށް މިހާރު ވަނީ ހުޅުވިގެން ގޮސްފައެވެ. އެގޮތުން މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިނަމަ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ނޯވޭގެ ކެސްޕާ ރުޑަށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮތްއިރު، މިއިން ކުޅުންތެރިޔަކު ފައިނަލަށް ދަތުރު ނުކޮށްފިނަމަ އެ ފުރުސަތު ނަޑާލަށް ލިބުން ވަރަށް ގާތެވެ. އެ މަގާމުގައި މިވަގުތު ހުރި ރަޝިއާގެ ޑަނީލް މެޑްވެޑޭވް ވަނީ ހަތަރުވަނަ ބުރުގައި ނިކް ކިރްގިއޯސް އަތުން ބަލިވެފައެވެ.