ފެތުމުގެ ގައުމީ ރިކޯޑުތަކެއް މުހަޙައްމަދު އާން ހުސެއިން އާއި މުޙައްމަދު ރީހާން ޝިހާމް އާކޮށްފިއެވެ.
މި ދެ ފެތުންތެރިން ގައުމީ ރިކޯޑު ހަދާފައިވަނީ ޕެރޫގައި މިހާރު ކުރިއަށްދާ އަށްވަނަ ފީނާ ވޯލްޑް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްސް 2022 ގައެވެ. އެގޮތުން އާން އާކުރި ރިކޯޑަކީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑު އާން އާކުރީ 27.25 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ގައުމީ ރިކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ 2015 ވަނަ އަހަރު ބޭއްވި 16 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ނިޝްވާން އިބްރާޙީމެވެ. އޭނާ 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު އެ ފަހަރު ހެދީ 27.42 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ރީހާން އާކުރި ރިކޯޑަކީ ފިރިހެން ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑެވެ. މި ރިކޯޑު ރީހާން އާކޮށްފައިވަނީ 2 މިނެޓު 34.77 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ގައުމީ ރިކޯޑް އެންމެ ފަހުން އާކޮށްފައި ވަނީ ގައުމީ ޓީމުގައި ހިމެނޭ މުބާލް އައްޒާމް އިބްރާހީމެވެ. އެއީ މި އަހަރު ޖޫން މަހު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 2 މިނެޓު 36.74 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.
ޕެރޫގައި ކުރިއަށްދާ ފީނާ ވޯލްޑް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްސް ރާއްޖޭގެ ފެތުންތެރިން ގައުމީ ދެ ރިކޯޑެއް އާކުރި، މި މުބާރާތުގައި ރާއްޖޭގެ ތިން ފެތުންތެރިއަކު ވާދަކުރެއެވެ. އެއީ އާން އާއި ރީހާނުގެ އިތުރުން ކުރިއަރަމުން އަންނަ އަންހެން ފެތުންތެރިޔާ އީން އައްބާސް ޝަރީފެވެ.