ސްރީ ލަންކާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2022 ގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ކޮލޮމްބޯގެ ރޭސް ކޯސް ސްޓޭޑިއަމުގައި ބުދަ ދުވަހު ކުޅުނު މި މެޗުން ރާއްޖެ ބަލިވެފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ބަންގްލަދޭޝްއިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް ދިވެހި ޓީމު ކޮޅަށް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ޓީމުގެ ޑިފެންސްލައިން ފެނުނީ ވަރަށް ބާރުބޮޑުކޮށެވެ.
މެޗުގައި ބަންގްލަދޭޝްގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައި ވަނީ މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަޒްމުލް ފައިސަލެވެ. މެޗުގައި ލިބުނު މަދު ފުރުސަތުތަކުގައި ދިވެހި ޓީމުން ވަނީ ކައުންޓަ އެޓޭކުތަކުގައި ބަންގްލަދޭޝްއަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދޭ ގޮތެއް ނުވިއެވެ.
މި މެޗުގެ 36 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުރުޝިދު އަލީއެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ބަންގްލަދޭޝްއިން ކާމިޔާބުކުރި ތިން ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ މިރުޖުލް އިސްލާމެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މިއީ މި މުބާރާތުގައި ބަންގްލަދޭޝްގެ ދެވަނަ މޮޅެވެ. އެގޮތުން ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ މުބާރާތް ބާއްވާ ލަންކާ އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު ކުޅުނު ދެ މެޗުން ހޯދި މޮޅާއެކު ބަންގްލަދޭޝް އޮތީ ތާވަލުގެ އެއްވަނައިގައެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަ ގައުމެއް ވާދަކުރާއިރު، ރާއްޖެއާއެކު އެއް ގްރޫޕެއްގައި ހިމެނެނީ ލަންކާ އާއި ބަންގްލަދޭޝްއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.