ދުނިޔޭގެ ވިޔަފާރި

ކެނެޑާގެ އިންޓްރެސްޓް ރޭޓު މަތިކޮށްފި


ކެނެޑާގެ އިންޓްރެސްޓު ރޭޓު މަތިކޮށްފިއެވެ. މަރުކަޒީ ބޭންކުން، ވަނީ އިންޓަރެސްޓު ރޭޓު %2.50 ން %3.25 ށް މަތިކޮށްފައެވެ. މިއީ 2008 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ކެނެޑާގެ އިންޓަރެސްޓު ރޭޓު މިހާ މަތިކުރި ފުރަތަމަ ފަހަރެވެ.

މި އަދަދަށް އިންޓަރެސްޓު ރޭޓު މަތިކުރުމުން ދެ ގަރުނުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބޭންކް އޮފް ކެނެޑާގެ ޕޮލިސީ ރޭޓް ނިއުޓްރަލް ރޭންޖަށް ވުރެ މައްޗަށް ވަނީ އުފުލިފައެވެ. ގަވަނިން ކައުންސިލުން ދެކެނީ ޕޮލިސީ އިންޓަރެސްޓް ރޭޓް އަދިވެސް މަތިކުރަން ޖެހޭކަމަށެވެ.

ބޭންކް އޮފް ކެނެޑާއިން މިހާރު ވަނީ ކުރިއަރާފައިވާ އަވަށްޓެރި އެހެން ގައުމުތަކަށްވުރެ މާބޮޑަށް އިންޓަރެސްޓު ރޭޓު މަތިކޮށްފައެވެ.

ކެނެޑާގެ ހެޑްލައިން އިންފްލޭޝަން ޖުލައި މަހު ވަނީ %7.6 އަށް ވެއްޓިފައެވެ. ޖޫން މަހު މި އަދަދު ހުރީ %8.1 ގައެވެ. މަރުކަޒީ ބޭންކުން ލަފާކުރިގޮތުގައި މި ވެއްޓުން އައީ ގޭހުގެ އަގު އޭރު ދަށްވުމުންނެވެ.

ދެވަނަ ކުއާޓަރުގައި ކެނެޑާގެ ޖީޑީޕީ ދަށްވެފައިވާއިރު، ޑިމާންޑް އިތުރުވުމާއި ލޭބަރ މާކެޓްތައް ހަރުކަށިވެފައިވުމުގެ ސަބަބުން ކުރިއަށްއޮތް ތަނުގައިވެސް ކެނެޑާގެ އިގްތިސާދީ ދުވެލި މަޑުވާނެ ކަމަށް ބުނެއެވެ. އެގޮތުން އިންޓަރެސްޓް ރޭޓް މައްޗަށް ދިއުމާއެކު ހައުސިން މާކެޓް ލަފާކުރިގޮތަށް ފަހަތަށް ޖެހެމުންދާ ކަމަށްވެސް ބޭންކް އޮފް ކެނެޑާއިން ބުނެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ކެނެޑާގެ އިގްތިސާދު މެދުމިނަށް ދާނެ ކަމަށް ބޭންކުން ލަފާކުރާ ކަމަށާއި ދުނިޔޭގެ ޑިމާންޑް ބަލިކަށިވެ، ކެނެޑާގެ މާލީ ޕޮލިސީ ހަރުކަށިވުމުން ޑިމާންޑް ސަޕްލައިއާ އެއްވަރުވާނެ ކަމަށް އެ ބޭންކުން ބުނެއެވެ. ކެނެޑާ ޑޮލަރު ވަނީ 1.3190 އަށް ދަށްވެ، ނުވަތަ 75.82 އެމެރިކާ ސެންޓަށް ވެއްޓިފަ އެވެ.