ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ސްކޮޓްލަންޑުގެ ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗު ނެދަލަންޑްސްގެ އަޔަކްސްއިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
އަޔަކްސްގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އަޔަކްސްއިންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އަޔަކްސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑްސަން އަލްވަރޭޒެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖަހައިދިނީ ސްޓީވެން ބާގުއިސްއެވެ.
އޭގެ އެއް މިނެޓު ފަހުން އަޔަކްސްއިން ވަނީ މި މެޗުގައި ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ކުޑުސްއެވެ. އަދި އަޔަކްސްގެ ފަހު ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ ސްޓީވެން ބާގްވިންއެވެ.
މި މެޗުން ރޭންޖާސް ބަލިވިއިރު، މިއީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނަ ރޭންޖާސްއިން މި ނަތީޖާއިން ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އެގޮތުން މިދިޔަ ހަފުތާ ބަންދުގައި ސްކޮޓިޝް ޕްރިމިއާ ލީގުގައި ރޭންޖާސް ވަނީ ވާދަވެރި ސެލްޓިކް އަތުން ހަމަ މި ނަތީޖާއިން ބަލިވެފައެވެ.