މި މަހު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.
މި މަހު ރާއްޖޭން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލާއޮސް އާއި ބުރޫނާއީ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބުރޫނާއީގައެވެ.
މި މެޗުތަކަށް ތައްޔާރުވާން ބުރާސްފަތި ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައި ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. މި މެޗުތަކަށް ގައުމީ ޓީމުގެ ސްކޮޑް އަދި ފައިނަލް ކޮށްފައި ނުވާއިރު، ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަށް ބައެއް ސީނިއާ ކުޅުންތެރިން ނުކުމެފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވާނީ މި މަހުގެ 12 ހިސާބުގައެވެ. އެހެންކަމުން އެކުވެރިކަމުގެ މެޗުތަކަށް ރަސްމީކޮށް ނަގާ ސްކޮޑު އިއުލާން ކުރާނީ ފުލް ސްކޮޑުގެ ތަމްރީނުތަކަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި މަހު ރާއްޖޭން ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅޭއިރު، "ޕީއެސްއެމް ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބުރުނާއީއާ ދެކޮޅަށެވެ. އަދި ލާއޮސްއާ ދެކޮޅަށް ނުކުންނާނީ އޭގެ ތިން ދުވަސް ފަހުންނެވެ.
މި މަހުގެ ފީފާ ދުވަސްތަކުގައި މެޗުތައް ކުޅޭތީ، މިއީ ފީފާ ރޭންކިންއަށް ވެސް ގުނާނެ މެޗުތަކެކެވެ. އެންމެ ފަހުން ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އޮތީ 156 ވަނައިގައެވެ. އަދި ލާއޯސް 183 ވަނައިގައި އޮތްއިރު، ބްރޫނާއީ އޮތީ 190 ވަނައިގައެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗަކަށް ރާއްޖޭން އެންމެ ފަހުން ނިކުމެފައިވަނީ މި އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ރާއްޖޭން ވަނީ 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެއީ މި އަހަރު ކުރިއަށްދިޔަ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަހުކޮޅުގައި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ވަނީ ހަތް މެޗު ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އަދި އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ.