ރާއްޖޭގެ ތިން ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާގައި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވަނީ ބ. ގޮއިދޫ، ދ. ހުޅުދެލި އަދި ގދ. ތިނަދޫގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތަކެވެ.
އެގޮތުން ގޮއިދޫގައި ސްކޭޓް ޕާކެއް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ބްރަދާސް މޯލް ކޮންޕެނީއާއެވެ. މި މަޝްރޫއު ބްރަދާސް މޯލްއާ ހަވާލުކޮށްފައިވަނީ 1.46 މިލިޔަން ރުފިޔާއަށް، 75 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. މި އެއްބަސްވުމުގައި ބްރަދާސް މޯލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް އިބްރާހިމެވެ.
ބުރާސްފަތި ދުވަހު ސޮއިކުރެވުނު ދެވަނަ އެއްބަސްވުމަކީ ނެގާއި އިންވެސްޓްމަންޓާއެކު ހުޅުދެލީގައި ފުޓްސަލް ދަނޑެއް ތަރައްގީކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެއެވެ. ނެގާއި އިންވެސްޓްމަންޓަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 1.52 މިލިޔަން ރުފިޔާއަށް، 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. މި އެއްބަސްވުމުގައި ނެގާއި އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ލަތީފެވެ.
މީގެ އިތުރުން ތިނަދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ޑީއެމްއެން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާވެސް ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ޑީއެމްއެން ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ 1.28 މިލިޔަން ރުފިޔާއަށް، 40 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭގޮތަށެވެ. މި އެއްބަސްވުމުގައި ޑީއެމްއެން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މުސްތަޝިން ނިޔާޒެވެ.
މި ތިން އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިހް ރަޝީދެވެ.