އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ކޯޗުގެ މަގާމަށް ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ ހަމަޖައްސައިފިއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި ޕޮޓަރ ޗެލްސީގެ ކޯޗްކަމުގެ މަގާމާއި ހަވާލުވެފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އޭނާވަނީ ބްރައިޓަންގެ މަގާމުން ރޭގެ ވަގުތެއްގައި އިސްތިއުފާ ދީފައެވެ. ޕޮޓަރ ހާމަކުރިގޮތުގައި ޗެލްސީގެ ކޯޗްކަމުގެ މަގާމާއި ހަވާލުވުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ. ޕޮޓަރގެ ކޯޗް ކަމުގެ ދަށުން ޗެލްސީ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މާދަމާ ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. ޕޮޓަރގެ އިތުރުން އޭނާއާއެކު ބްރައިޓަންގައި މަސައްކަތް ކުރި ކޯޗިންގ ސްޓަފުން ކަމަށްވާ ފަސްޓް ޓީމް ކޯޗް ބިޔޯގް ހެމްބަރގް އާއި ބްރޫނޯ، ގޯލްކީޕަރ ކޯޗް ބެން ރޮބަރޓްސް އަދި އެސިސްޓަންޓް ހެޑް އޮފް ރެކްރޫޓްމަންޓް ކައިލް މެކޯލީވެސް ޗެލްސީއަށް ވަނީ ގެންގޮސްފައެވެ. މިހުރިހާ ފަރާތްތަކެއް ހޯދުމަށް ޗެލްސީއިން ވަނީ ބްރައިޓަންއަށް ބަދަލެއްގެ ގޮތުގައި 21 މިލިއަން ޕައުންޑް ދައްކާފައެވެ.
ޕޮޓަރ ޗެލްސީއަށް ގެނައުމަށްފަހު ވާހަކަ ދައްކަމުން އެކްލަބްގެ ވެރިޔާ ޓޮޑް ބޮއެލީ ހާމަކުރިގޮތުގައި ޗެލްސީގެ ކޯޗްކަމުގެ މަގާމަށް ޕޮޓަރ ގެނެވުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އޭނާއަކީ ގިނަބައެއްގެ މަގްބޫލްކަން ހޯދައިފާވާ ފާހަގަ ކޮށްލެވޭ މޮޅުކޯޗެއް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އަދި ޕޮޓަރ ވަނީ އޭނާ ކުރިން މަސައްކަތް ކުރި ހުރިހާ ކްލަބެއްގައިވެސް ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފައިކަމަށާއި އެހެން ކަމުން ޗެލްސީއަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދު ކުރާކަމަށްވެސް ޗެލްސީގެ ވެރިޔާ ހާމަކުރިއެވެ.