ޚަބަރު

ހިޔާގެ އިތުރު ޓަވަރުތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާގެ ފްލެޓްތަކުގެ އިތުރު ޓަވަރުތަކެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

ހިޔާ ސަރަޙައްދުގައި ދިރިއުޅޭ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. މީގެ ތެރެއިން ހިޔާ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، އެ ސަރަޙައްދުގެ ސަވައިލަންސްގެ ކަންކަން ހަރުދަނާ ކުރުމަކީ އެކުންފުނިން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

އެގޮތުން ހިޔާ ޓަވަރުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ހިޔާގެ 4 ޓަވަރެއްގައި 768 ސެކިއުރިޓީ ކެމެރާ މީގެ ކުރިން ހަރުކޮށްފައިވެއެވެ. އެފަހަރު ކެމެރާ ހަރުކޮށް ބޭނުންކުރަން ފެށި ޓަވަރުތަކަކީ H15 ،H14 H13 އަދި H16 އެވެ. މި މަސައްކަތުގެ ދަށުން އިތުރު 2 ޓަވަރެއްގައި މިހާރު ކެމެރާ ހަރުކޮށްފައިވާއިރު، ފަހުން ކެމެރާ ހަރުކުރި ދެ ޓަވަރަކީ H5 އަދި H8 އެކެވެ.


މިއިން ކޮންމެ ޓަވަރެއްގައި 192 ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި މުޅި މި މަސައްކަތް އެއްކޮށް ނިމޭއިރު، ހިޔާ ޓަވަރުތަކުގައި ޖުމްލަ 3072 ސެކިއުރިޓީ ކެމެރާ ހަރުކުރެވިގެންދާނެކަމަށެވެ. މިކަން ކުރަމުންދަނީ އެކި ފަރާތްތަކާއި ޙަވާލުކޮށްގެން ކަމަށާއި، މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ހުރިހާ ޓަވަރެއްގައި ކެމެރާ ހަރުކޮށް ނިންމުމަށްކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފެށި ދުވަސްވަރު އެ ސަރަޙައްދުގައި އަސާސީ ގިނަ ޚިދުމަތްތަކާއި، އެކަށީގެންވާ ރައްކާތެރިކަމެއް ލިބެންނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ވަކިން ޚާއްސަކޮށް ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އެދުވަސްވަރު ހުށަހެޅޭ މިންވަރު އިތުރުވެގެންދިޔަކަންވެސް ފާހަގަކޮށްލެވެއެވެ. އެޗް.ޑީ.ސީން ދަނީ ކަމާގުޅޭ ފަރާތްތަކާގުޅިގެން އާއްމުންގެ މި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ހިޔާ ސަރަޙައްދުގައި މެނޭޖްމަންޓް އޮފީހަކާއި، ފިހާރަތަކާއި ސުޕަރ މާކެޓާއި، ކްލިނިކާއި، ފާމަސީއަކާއި، ބޭކަރީއެއް މިހާރު ވަނީ ހުޅުވާފައެވެ. އަދި 3 ކެފޭއާއި، ސެލޫނަކާއި، މިސްކިތަކާއި، 2 ވަގުތީ މިސްކިތެއް އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވެއެވެ. ހަމައެހެންމެ މިދިޔަ ޖުލައި މަހުގެ 3 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ.