ކުޅިވަރު

ބްރެސްޓް އަތުން ޕީއެސްޖީއަށް މޮޅެއް


ފްރެންޗް ލީގުގައި ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ލިއޮނެލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްފިނީ ނޭމާއެވެ. މިއީ އޭނާ ޕީއެސްޖީއަށް ކާމިޔާބުކޮށްދިން 110 ވަނަ ލަނޑެވެ. މިލަނޑާއެކު އޭނާ މިހާރު މިވަނީ ޕީއެސްޖީއަށް ހަތަރު ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. ކުރިން މިމަގާމްގައި އޮތީ ޕޯޗުގަލްގެ ފޯވަޑް ޕައުލެޓާއެވެ. ތިންވަނައިގާ އުޅެނީ 156 ލަނޑާއެކު ޒްލަޓާން އިބްރަހިމޮވިޗްއެވެ. އަދި ދެވަނައިގާ އުޅެނީ 180 ލަނޑާއެކު ކިލިއަން އެމްބާޕޭއެވެ.

މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޕީއެސްޖީއަށް ލިބިގެންދިޔައެވެ. ނަމަވެސް އެއިގެން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަދި މެޗްގެ 70 ވަނަ މިނެޓްގައި ބްރެސްޓްއަށް ޕެނަލްޓީއެއް ލިބިގެންދިއުމާއެކު ޕީއެސްޖީއަށް ލިބިގެންދިޔަ ގިނަ ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ އަދަބު ލިބިގެންދާނެކަމަށް ހީވި ނަމަވެސް އިސްލާމް ސްލިމާނީ ފޮނުވާލި ޕެނަލްޓީ ވަނީ ޕީއެސްޖީގެ ކީޕަރ ޖިއާންލުއިޖީ ޑިނަރޫމާ ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ޕީއެސްޖީ މިވަނީ އަނެއްކާވެސް ތާވަލްގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު ހަތް މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކުއެވެ. ބެރެސްޓް އުޅެނީ 5 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ. މިމުބާރާތުގައި އޮލިމްޕިކް ޑި މާސޭ އާއި ލީލް ބައްދަލުކުރިމެޗް 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށް މާސޭވެސް ވަނީ 19 ޕޮއިންޓް ހޯދާފައެވެ. ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ ޕީއެސްޖީއަށެވެ.