ޚަބަރު

ދައުލަތުގެ އިދާރާތަކުގެ މަޢުލޫމާތު ބަދަލުކުރާ ނިޒާމު މިއަހަރުގެ ނިޔަލަށް ނިންމަނީ


  • މޯލްޑިވްސް 2.0 މަސައްކަތް ސަރުކާރުގެ ތެރެއިން 2028ގެ ޖޫން އަށް ނިންމާނެ

  • ވިޔަފާރިތަކަށް ސައިބަރ ސެކިއުރިޓީގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން

ސަރުކާރުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ލިއުންތައް ނިޒާމުގެ އެތެރެއިން ކަށަވަރުކުރެވޭނެ ޑޭޓާ އެކްސްޗޭންޖު ލޭޔަރ މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އައްޑޫ ބިޒްނަސް ޑައިލޮގްގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވަނީ އެ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން ވިޔަފާރިތަކާ ގުޅުން ހުރި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކާއި ގުޅޭ މައުލޫމާތު ދެއްވާފައެވެ.

އައްޑޫސިޓީގެ ހިތަދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ އައްޑޫ ބިޒްނަސް ޑައިލޮގްގަ ވާހަކަ ދައްކަވަމުން ދާޚިލީ ވަޒީރު ވަނީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި މިމަސައްކަތުގެ ޓައިމްލައިންގަ ހިމެނޭ ބައެއް ތާރީޙުތައްވެސް ވަނީ ހިއްސާކުރައްވާފައެވެ. ސަރުކާރުގެ އިދާރާތައް މެދުގައި މުޢާމަލާތް ކުރެވޭ އީގަވަމެންޓް ނިޒާމު މިއަހަރު އޯގަސްޓް މަހަށް ނިންމާލެވޭނެ ކަމަށާއި ޖޫން މަހު އެކަމަށް ބޭނުންވާ ޕްލެޓްފޯމް ތައާރަފްކުރެވޭނެ ކަމަށް ދާޚީލީ ވުޒާރާއިން ފާހަގަކުރެއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، ދައުލަތުގެ އިދާރާތަކުން ދީފައިވާ ލިއުންތައް ދޭދޭ އިދާރާތަކުގެ މެދުގައި އަމިއްލައަށް ކަށަވަރުކުރެވޭނެ ޑޭޓާ އެކްސްޗޭންޖް ލޭޔަރ މިއަހަރުގެ ނިޔަލަށް ޤާއިމްކުރެވޭނެ ކަމަށެވެ. މިއީވެސް ވިޔަފާރިތަކަށް އޭގެ މަންފާ ލިބޭނެ މުހިންމު ބަދަލެއްކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

"އޭގެ މާނަ އަކީ އެއް އިދާރާއަކުން އިޝޫކުރާ އެއްވެސް ސެޓިފިކެޓެއް އަދި އެއްވެސް ލައިސެންސެއްވެސް، އިރާދަ ކުރެއްވިއްޔާ ނުޖެހޭނެ ހުށަހަޅަން. އެކުއަރީގެ ސަބްމިޝަން އަށް ފަހު އެއް އިދާރާއިން އަނެއް އިދާރާއާއި ވާހަކަ ދައްކާ މައުލޫމާތު ސިސްޓަމް ލެވެލްގައި މައުލޫމާތު ބަދަލުކުރާނެ. އޭގެއިން، ކަސްޓަމަރު ނުޖެހޭނެ އެކަން އަމިއްލައަށް ކުރަން. އެކަން ކުރާނެ ސިސްޓަމުތަކުގެ ތެރެއިން ވެރިފައި ކުރަން އަމިއްލައަށް." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތް 2028 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ނިންމާލުމަށް މިހާރު އަމާޒު ހިފާފައިވާ ކަމަށެވެ. ކަރުދާހާ ނުލާ ސަރުކާރުގެ ހުރިހާ ޚިދުމަތެއްވެސް އެހާހިސާބަށް ދައިރު ލިބޭނެ ކަމުގެ ޔަޤީންކަން ވަޒީރު އިޙްސާން ވަނީ ދެއްވާފައެވެ.

ދައުލަތުގެ ނިޒާމުތައް ޑިޖިޓަލައިޒް ކުރެވިގެންދާއިރު، ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ މައި 4 ވިޔަފާރިއެއް ހުއްޓުން އަރާވަރުގެ ސައިބަރ ހަމަލާތަކެއް މިދިޔަ އަހަރުތެރޭ އެކަނިވެސް ދެވިފައިވާ ކަމަށެވެ.

"ރެންސަމް ވެއަރގެ އެޓޭކް އައިސްގެން އެބަހުރި މުޅި ވިޔަފާރި ހުއްޓިފައި. މިހާރު ޑޭޓާ ސެކަންޑަރީ ބެކަޕަށްވެސް އެއްކޮށް މިކަންތައް މިއަރަނީ ސައިބަރ ސެކިއުރިޓީ ސްޓޭންޑަޑް ތައް ހަދާ ފުލް އޭޖެންސީއެއް އެސްޓެބްލިޝްކޮށް ސެކިއިރުޓީ މުޅި ލޭއައުޓެއް އަޅުގަނޑުމެން ރޯލްއައުޓް ކުރާނަން. އެހާ ހިސާބުން ފެށިގެން، ފުރުސަތު ލިބޭނެ މިހާރަށް ވުރެ ސޭފް ސެޕޭސްއެއްގައި ވޯކްއައުޓް ކުރަން." ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް 2.0 އަކީ ސަރުކާރުގެ ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. ސަރުކާރުން ވަނީ މިމަސައްކަތް އެއްކޮށް ނިންމާނީ ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ހިމެނޭގޮތަށް ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ކުރުމަށް ބޭރުގެ ތަޖުރިބާތައް ބޭނުންކޮށްގެން ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ބަދަލުތައް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.