އާޖެންޓީނާގެ މިއަހަރުގެ އިންފްލޭޝަން %95އަށް މަތިވާނެ ކަމަށް މަރުކަޒީ ބޭންކުން ޝާއިއުކުރި ޕޯލަކުން ދައްކައިފިއެވެ.
ތަކެތީގެ އަގުތައް އުފުލިގެން ދިޔުމުގެ ސަބަބުން އާޖެންޓީނާއިން އަންނަނީ އިޤްތިޞާދީ ދުވެލި ހަލުއި ކުރުމަށް އުނދަގޫތަކާއި ކުރިމަތިލަމުންނެވެ.
ކޮންސިއުމަރ އަގުތައް އުފުލިގެންދާނެ ކަމަށް އެންމެ ފަހުން ލަފާކުރި މިންވަރަކީ އޭގެ ކުރީ މަހުގެ އަންދާޒާ ކުރި މިންވަރަށްވުރެ %4.8 މަތީ އަދަދެކެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި އޮގަސްޓް މަހު އާޖެންޓީނާގެ އިންފްލޭޝަން %6.5 އަށް އަރާނެއެވެ.
އަންނަ އަހަރުގެ ނިޔަލަށް އާޖެންޓީނާގެ އަހަރީ އިންފްލޭޝަން ރޭޓް %84 އަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، 2024 ވަނަ އަހަރު އަހަރީ އިންފްލޭޝަން %63 އަށް ވެއްޓޭނެ ކަމަށް ޕޯލް އިން ދައްކައެވެ.
ދިރާސާކުރާ ފަރާތްތަކުން ވަނީ މިއަހަރު އާޖެންޓީނާގެ އިޤްތިޞާދީ ދުވެލި %3.6 އަށް ހަލުއިވާނެ ކަމަށް ލަފާކޮށްފައެވެ. މިއީ މިދިޔަ މަހުގެ ޕޯލްއާ އަޅާބަލާއިރު ގާތްގަނޑަކަށް %0.2 އިތުރު އަދަދެކެވެ.
އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ލެޓިން އެމެރިކާގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮންނަ އާޖެންޓީނާގެ އިޤްތިޞާދަށް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުންވެސް އާޖެންޓީނާގެ އިޤްތިޞާދަށް ވަނީ އަސަރުކޮށްފައެވެ.