ދުނިޔޭގެ ވިޔަފާރި

ކޮލަމްބިއާ އާއި ވެނެޒުއޭލާއާ ދެމެދު މުދާ އުފުލަން ހުއްދަ ދޭން ނިންމައިފި


އަހަރުތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ކޮލަމްބިއާ އާއި ވެނެޒުއޭލާއާ ދެމެދު އޮތް ބޯޑަރު ހުރަސްކޮށް މުދާ އުފުލުމާއި ކޮމާޝިއަލް ފްލައިޓް ދަތުރުތަކަށް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުއްދަ ދޭން ނިންމާފައިވާ ކަމަށް ދެ ގައުމުގެ ރައީސުން ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާތެރޭގައި ނިންމި މިނިންމުމަކީ ވެނެޒުއެލާއާ ރަސްމީ ގުޅުން އަލުން ގާއިމް ކުރުމަށް ވައުދުވެ އޮގަސްޓް މަހު ކޮލަމްބިއާގެ ކަނާތުފިޔައިގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން މި ގުޅުން ހަރުދަނާ ކުރުމަށް އެންމެ ފަހުން އެޅި ފިޔަވަޅެވެ.

މިދިޔަ މަހު މިދެގައުމުން ސިޔާސީ ގުޅުން އަލުން ގާއިމްކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ދެ ގައުމުން ވެސް މިހާރު ދެ ގައުމުގެ ސަފީރުން ބަލައިގަތް ނަމަވެސް ދެ ގައުމުގެ އިސްވެރިން ދައުލަތުގެ ދަތުރުފުޅެއް މިހާތަނަށް އަދި ކޮށްފައެއް ނުވެއެވެ.

ވެނެޒުއޭލާ އާއި ކޮލަމްބިއާގެ ގުޅުން ކެނޑުނީ 2019 ވަނަ އަހަރު ވެނެޒުއެލާގެ އިދިކޮޅު މެމްބަރުން ކާބޯތަކެއްޗާއި ބޭސް ބަރުކޮށްގެން ކޮލަމްބިއާގެ ސަރަހައްދުން ހުރަސްކުރަން މަސައްކަތް ކުރުމުންނެވެ. ބޯޑަރު ބަންދުކުރި ނަމަވެސް ބައެއް ކަހަލަ މުދާ ވެނެޒުއޭލާ އަށް ގެންދިއުމަށް ނިމުމެއް އައިސްފައެއް ނުވެއެވެ. އަދި ކުށްވެރި ޖަމާއަތްތަކުން ވަނީ ޓްރެފިކިން އޮޕަރޭޝަންތަކަށް މަގުތައް ބޭނުންކޮށްފައެވެ.

ކޮލަމްބިއާ އިން މީގެ ކުރިން ވަނީ ވެނެޒުއެލާއިން ބޯޑަރު ސަރަހައްދުގައި ހަތިޔާރު އެޅި ޖަމާއަތްތަކަށް އެހީތެރިކަމާއި ހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށްފައެވެ.

ވެނެޒުއެލާ-ކޮލަމްބިއާ ދެމެދު އޮންނަ ބޯޑަރު އަލުން ހުޅުވާލުމުން ވިޔަފާރީގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރައިގެންދާނެ ކަމަށާއި މިދިޔަ އަހަރު ވިޔަފާރި ކުރިއަރާފައިވާ މިންވަރު ކަމަށްވާ، 406 މިލިއަން އެމެރިކާ ޑޮލަރުން މިއަހަރު 1.2 ބިލިއަން އެމެރިކާ ޑޮލަރަށް ކުރިއަރާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ވެނެޒުއެލާގެ ސަރުކާރުން ބުނެފައި ވަނީ ބޯޑަރު ފުރިހަމައަށް ހުޅުވާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޤްތިޞާދީ ހަރަކާތްތައް 4 ބިލިއަން އެެމރިކާ ޑޮލަރަށް ވުރެ ބޮޑުވެގެން ދާނެއެވެ.