ޚަބަރު

ވަކީލުކަމުގެ ބޭރުން ކުރާ ކުށްތައް ބާ ކައުންސިލަށް ބެލޭގޮތަށް އިސްލާހެއް


ޤާނޫނީ ވަކީލުކަމުގެ ހައިސިއްޔަތުން ކުރާ މަސައްކަތްތަކުގެ ބޭރުންވެސް ވަކީލަކު ކުރާ ކުށަކާއި ގުޅިގެން ބާ ކައުންސިލަށް މައްސަލަ ބެލޭ ގޮތަށް "ޤާނޫނީ ފަންނުގެ ޤާނޫން"އަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އެވެ. ޤާނޫނީ ފަންނުގެ ޤާނޫނުގެ 54 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޤާނޫނީ ވަކީލަކު އޭނާގެ މަސައްކަތުގެ ބޭރުން ކުރާ އަމަލުތަކާއި ގުޅިގެން ސުލޫކީ ފިޔަވަޅު އެޅޭނެ ގޮތެއް ބާއުންސިލަށް ނޯވެއެވެ.

ޔޫނުސް ހުށަހެޅުއްވި މިއިސްލާހުގައި ވަކީލަކު މަސައްކަތުގެ ތެރެއިން ކުރާ އަމަލުތަކުގެ އިތުރުން ޤާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ޤާއިމް ކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ގެންގުޅެންވާނެ އުސޫލުތަކާއި ޚިލާފަށް އަދި ޤާނޫނީ ފަންނުގެ އިތުބާރު ގެއްލޭފަދަ ޢަމަލެއް ކުރިޔަސް އެމައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނެކަމަށް ބުނެފައިވެއެވެ. އަދި މިފަދަ މައްސަލަތައް ކޮންމެ މީހަކަށްވެސް ހުށަހެޅޭނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވަކީލުންނާއި ގުޅޭ މައްސަލަތައް ބާ ކައުންސިލަށް ވެސް އިސްނަގައިގެން ބެލޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. ކުރިން އޮންނަ ގޮތުން ވަކީލުންނާއި ގުޅޭ މައްސަލަތައް ބާ ކައުންސިލަށް އިސްނަގައިގެން ނުބެލޭނެއެވެ.

ގާނޫނު ކުރިން އޮތް ގޮތުން ވަކީލަކަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވުނަސް އަދި އެފަދަ މައްސަލައެއްގައި ދައުވާ ކުރިއަސް އަދި އެފަދަ މައްސަލައެއްގައި ކޯޓަކުން ހުކުމް ކުރިއަސް ބާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނޯވެއެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެންނަން ހުށަހަޅާފައިވާ އިސްލާހާއެކު މިކަންކަމަށް ހައްލު ގެނެވިގެންދާނެއެވެ.