ޚަބަރު

ވަކި ފިކުރަކަށް ބެލުމެއްނެތި ހުށަހެޅި ކަންކަމަށް ބޮޑު ހައްލެއް ހޯދައިދެވިއްޖެ: ރައީސް


ހައްދުން މަތީ ގަމުގައި ދެދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ "ވިއަވަތި" ކޮންފަރެންސުގައި ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކުން ހުށަހެޅި ގިނަ ކަންތައްތަކަށް ހައްލު ހޯދައި ދެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ވިއަވަތި ކޮންފަރެންސުގައި ކުރެވުނު މަޝްވަރާތަކާއި، ނިންމިފައިވާ ނިންމުންތަކާ ގުޅޭގޮތުން ކޮންފަރެންސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

ހައްދުން މަތީ ގައުމުގައި ބޭއްވި "ވިއަވަތި" ކޮންފަރެންސަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ. ކޮންމެ ސެޝަނެއްވެސް ޗެއާކުރައްވައި، ސެންޝަންތަކުގައި ކައުންސިލަރުން ފާޅު ކުރެއްވި ޚިޔާލްތަކާއި، ހުރި ކަންބޮޑުވުންތަައް އަޑު އައްސަވައި އެކަންކަމުގައި ސަރުކާރުން ދެކޭގޮތުން ރައީސުލްޖުމްހޫރިއްޔާ ގެންދެވީ ވިދާޅުވަމުންނެވެ. މައިގަނޑު އަށް ދާއިރާއަކަށް ކުރިއަށް ގެންދިޔަ މިކޮންފަރެންސުގައި މަޝްވަރާ ކުރެވުނު ކަންކަމުގައި ނެރެނުނު ނަތީޖާތަކަށް ރައީސް ވަނީ އަލި އަޅުވާލައްވާފައެވެ.

މިންތީގެ ހަމަހަމަ ކަމާއި، ބިނާވެށި ޕްލޭނާއި، މާލީ ބާރުވެރިކަމާއި، ވިލުންތެރި މުޖުތަމައެއް ބިނާކުރުމާއި، އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، މިނޫންވެސް ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތަކުގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ލޭންޑު ޔޫސް ޕްލޭންތައް ފާސްނުވިނަމަވެސް، ކޮންޑިޝަނަލް އެޕްރޫވަލްއެއް ނުވަތަ ވަގުތީ ހުއްދައެއް ދެއްވާފައިވާކަމަށެވެ.

ކައުންސިލްތަކަށް ބަޖެޓް ދޫކުރުމުގައި އަންނަ އަހަރު 1.7 ބިލިއަންގެ "ބްލޮކް ގްރާންޓް"ގެ ގޮތުގައި ކަނޑައަޅައި ކައުންސިލްތަކުން އެދުނު ގޮތަށް އަހަރުގެ ހަތަރު ބަޔަކަށް ބަހާލައިގެން ބަޖެޓް ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އަންހެންގެ ކޮމެޓީތަކުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މިހާރުން މިހާރަން ކުރަންޖެހިފައިވާ އެންމެ މުހިންމުކަމީ މަސައްކަތް ކުރެވޭނެ ޖާގަ ކައުންސިލްތަކުން ހަމަޖައްސައި ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންނަަކީ ޕާޓް ޓައިމް ބަޔަކަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދާއިމީ ވަޒީފާއެއްގައި މަސައްކަތް ކުރާބަޔަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކޮންފަރެންސުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިންހަމަ ޖެހުމަކީ ވަކި ކުލަޔަކަށް، ފިކުރަކަށް ބެލުމެއްނެތި، ކޮންމެ ކަންސިލަރަކު ފާޅު ކުރެއްވި ޚިޔާލުތަކާއި ދެއްވި މަޝްވަރާތަކާއިއެކު ކަންކަން ހައްލު ވެގެން ދިއުންކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި އެއްވެސް ތަފާތެއް ނުގެންގުޅުންކަމަށް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބަޖެޓް ދިނުމުގައި ކައުންސިލަރުންގެ ފަރާތުން ލިބިގެންދިޔަ ޚިޔާލާއި އެއްގޮތަށް ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ބަޖެޓް ވަކިކޮށް، އައްޑޫ ސިޓީ ކައުންސިލާއި، އަދި އެހެން ސިޓީތަކަށް ބަޖެޓް ދިނުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރިކަން މިބައްދަލުވުމުން ފާހަގަވިކަމަށެވެ. އެކަންކަމަށް ކުރިއަށް އޮތްތަނުގައި ބަޖެޓް ކަނޑައެޅުމުގައި ހައްލު ލިބުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްހުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ހައްދުން މަތީ ގަމުގެ ވިއަވަތި ކޮންފަރެންސް ކާމިޔާބު ކަމާއިއެކު ނިންމިގެން ދިޔައީ ކައުންސިލަރުންނާއި، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންނާއި، މިބައްދަލުވުން އިންތިޒާމު ކުރެއްވި ބޭފުޅުންގެ މަސައްކަތުންކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އަންނަ އަހަރު ޖެނުއަރީގައި ރާއްޖޭގެ އެންމެ އުތުރުގައި މީގެ ހަތަރުވަނަ ކޮންފަރެންސް ބާއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައެވެ.