ކުޅިވަރު

ބާސާ ޖާޒީގައި ލެވަންޑޯސްކީ އެނބުރި ބަޔާނުގެ ދަނޑަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ މެޗާއެކު ދާދި ފަހުން ބާސެލޯނާއަށް ބަދަލުވި ޕޯލަންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެނބުރި ބަޔާނުގެ ދަނޑުން މިރޭ ފެނިގެންދާނެއެވެ.

އޭނާ ވަނީ ބަޔާންގައި ކާމިޔާބު 8 ސީޒަން ހޭދަކޮށްފައެވެ. ލެވަންޑޯސްކީ ބަޔާންގައި ހޭދަކުރި އަށް އަހަރުގެ ތެރޭގައި އޭނާ ވަނީ 374 މެޗް ކުޅެދީ 344 ލަނޑު ކާމިޔާބުކޮށްދީފައެވެ. ބަޔާން ދޫކޮށް ބާސާއަށް ބަދަލުވިތާ އަދި ދެމަސްވެސް ނުވެއެވެ. އުމުރުން 34 އަހަރުގެ ލެވަންޑޯސްކީ ވަނީ މި ސީޒަންގައި ބާސާއަށް މިހާތަނަށް ކުޅުނު ހަ މެޗްގައި 9 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބަޔާންގެ ކޯޗް ޖޫލިއަން ނާގެލްސްމަން ހާމަކުރިގޮތުގައި ލެވަންޑޯސްކީ އާއި ބައްދަލުކޮށްލަން އެދޭކަމަށެވެ. ނަމަވެސް އިދިކޮޅު ކުޅުންތެރިޔަކަށް ވުރެ އެކުގާ މަސައްކަތް ކުރި މީހެއްގެ ގޮތުގައެެވެ. އަދި ބަޔާންގެ ސަޕޯޓަރުންވެސް އޭނާއަށް ދޭންޖެހޭ ޝަރަފް ދޭނެކަމަށް އުންމީދު ކުރާކަމަށްވެސް ނާގެލްސްމަން ހާމަކުރިއެވެ.

ލެވަންޑޯސްކީ އަކީ ގޯލް ކުރިމަތީ އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ ކަމަށާއި އޭނާ ރަނގަޅަށް ފިޓުކޮށް ހުރިނަމަ އިތުރު ދެތިން އަހަރު މި ފެންވަރުގައި ކުޅުމުގެ ފުރުސަތު އޮތް ކަމަށްވެސް ނާގެލްސްމަން ހާމަކުރިއެވެ. އެހެންކަމުން މިރޭގެ މެޗްގައި އޭނާއާއި ދިމާލަށް އަންނަ ހުރަސްތަކާއި ޕާސްތައް ހުއްޓުވުމުން ވަރަށް މުހިންމު ކަމަށްވެސް ބަޔާންގެ ކޯޗް ހާމަކުރިއެވެ.