މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް 2022 ގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ފަހު މެޗުގައި ޕާކިސްތާން އަތުންވެސް ބަލިވެއްޖެއެވެ.
ނޭޕާލުގައި ކުރިއަށްދާ މި މުބާރާތުގައި އަންގާރަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ ޕާކިސްތާން އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ޕާކިސްތާނުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ނާދިއާ ޚާން ވަނީ މެޗުގައ ހަތަރު ލަނޑު ޖަހާފައެވެ. އެ ހަތަރު ލަނޑުވެސް އޭނާ ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ދެން މި މެޗުގައ ޕާކިސްތާނުގެ އަނެއް ތިން ލަނޑު ޖަހައިދިނީ ރަމީން ފަރީދާއި، ޚަދީޖާ ކަޒްމީ އަދި އަންމޯލް ހީރާއެވެ. މީގެ ތެރެއިން ޚަދީޖާ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ކުޅުނު ފަހު މެޗުންވެސް ރާއްޖެ ބަލިވިއިރު، މި މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ރާއްޖ ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން 3-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު،ދ ދެވަނަ މެޗުގައި ވަނީ އިންޑިއާ އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.
ރާއްޖެ ހިމެނުނު ގްރޫޕް އޭގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ބަންގްލަދޭޝް ވަނީ ގުރޫޕުގެ އެއްވަނަ މަގާމު ހޯދާފައެވެ. އެހެންކަމުން ސެމީ ފައިނަލުގައި ބަންގްލަދޭޝް ނުކުންނާނީ ގުރޫޕް ބީން ދެވަނަ ހޯދި ބޫޓާނާ ދެކޮޅަށެވެ. އަދި އިންޑިއާ ނުކުންނާނީ ގްރޫޕް ބީގެ އެއްވަނަ ހޯދީ ނޭޕާލާ ދެކޮޅަށެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ އިންޑިއާ، ޕާކިސްތާން، ބޫޓާން، ބަންގްލަދޭޝް އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލެވެ.