ޚަބަރު

މަދުން އާމްދަނީ ލިބޭ ކެނެޑާގެ އާއިލާތަކަށް އެ ޤައުމުން އެހީވަނީ


ތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މަދުން އާމްދަނީ ލިބޭ އާއިލާތަކަށް އެހީވުމަށް 3.43 ބިލިއަން އެމެރިކާ ޑޯލަރު ހޭދަކުރަން ނިންމާފައިވާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއުލާނުކުރައްވައިފިއެވެ.

މި އެހީ އިން ކުރަން ރާވާފައިހުރި ކަންތައްތަކުގެ ތެރޭގައި ވިޔަފާރިތަކުން ނަގާ ޓެކްސް ފޫބައްދަން މަދު އާމްދަނީއެއް ލިބޭ ފަރުދުންނާއި އާއިލާތަކަށް ފޮނުވާ ކުއާޓަރ ޓެކްސް ކްރެޑިޓް ދެގުނަކޮށް، ކުލީގެ އެހީތެރިކަން ބޭނުންވާ މަދު އާމްދަނީ ލިބޭ ފަރާތްތަކަށް ދޭ ހައުސިން ބެނެފިޓަށް 500 ސިންގަޕޫރު ޑޮލަރު ދިނުން ހިމެނޭ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ. މީގެއިތުރުން ދަތުގެ އިންޝުއަރެންސް ނުލިބޭ 12 އަހަރުން ދަށުގެ ކުދިންނަށް ދަތުގެ ފަރުވާއަށް އަހަރަކު 650 ސިންގަޕޫރު ޑޮލަރާ ހަމައަށް ޓްރޫޑޯގެ ލިބަރަލް ކެނެޑާ ސަރުކާރުން ދޭނެއެވެ.

މިއީ މިވަގުތު މީހުންގެ ދިރިއުޅުމަށް ތަފާތު ގެނެސްދޭނެ ކަންތައްތަކެއް ކަމަށް ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ. ގާތްގަނޑަކަށް ހަތަރު ގަރުނަށްފަހު ކެނެޑާގެ އިންފްލޭޝަން %8.1 ށް މަތިވުމަށްފަހު ޖުލައި މަހުގެ އިންފްލޭޝަން ވަނީ ތަންކޮޅެއް ދަށްވެފައެވެ. ނަމަވެސް ބޭންކް އޮފް ކެނެޑާއިން އަދިވެސް އަގުތައް އުފުލެމުން ދާތީ ކަންބޮޑުވެ، ވޭތުވެ ދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އިންޓަރެސްޓު ރޭޓު މަތިނުކުރާހާ މިންވަރަށް މިދިޔަ ހަފްތާ މަތިކޮށްފައެވެ.

ސްކޮޓިއާ ބޭންކުގެ ކެޕިޓަލް މާކެޓްސް އިކޮނޮމިކްސްގެ ވެރިޔާ ޑެރެކް ހޯލްޓް ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައި މި ސްޓިމިއުލަސް ޕެކޭޖްތައް ދޭން ފަށާނެއެވެ. މި ސަޕޯޓް ޕެކޭޖުގައި ކުރިން ބަޖެޓުގައި ކަނޑައެޅިފައިވާ ފައިސާއާއި އިތުރު ފަންޑުގެ ގޮތުގައި 3.1 ބިލިއަން ސިންގަޕޫރު ޑޮލަރު ހިމެނޭއިރު، މިއީ މިދިޔަ ހަފްތާގައި ސަރުކާރުގެ މަސްދަރަކާ ހަވާލާދީ މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ކަމެކެވެ.

އާމްދަނީ ދަށް ކުއްޔަށް ދިރިއުޅޭ މީހުންނަށް އެހީ ދިނުމާއި ކުޑަކުދިންގެ ދަތުގެ ފަރުވާގެ ޕްލޭނަކީ 2025 ވަނަ އަހަރާ ހަމައަށް އޭނާގެ މައިނޯރިޓީ ސަރުކާރު ވެރިކަމުގައި ބެހެއްޓުމަށް ތާއީދު ދިނުމުގެ ބަދަލުގައި އިދިކޮޅު ނިއު ޑިމޮކްރެޓްސް ޕާޓީ (އެންޑީޕީ)އާ އެކު މާޗް މަހު ޓްރޫޑޯ ވެފައިވާ އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ނިންމުންތަކެކެވެ.