ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަަމަށްވާ ރިސޯޓް ލީގު 2022 ގެ ނޫނު ޒޯނުގެ ގްރޫޕް ބީގެ އެއްވަނަ ހޯދައި، ސެމީ ފައިނަލުގެ ޖާގައެއް ވެލާ ޕްރައިވެޓް އައިލެންޑުން ހޯދައިފިއެވެ.
މި މެޗާއެކު ގްރޫޕް ސްޓޭޖުގައި ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ވަނީ ނިމިފައެވެ. ވެލާ އެއްވަނަ ހޯދީ ތިން ޓީމު ހިމެނޭ ގްރޫޕު ބީގައި ހޯމަދުވަހު މޫވެންޕިކް ކުރެދިވަރު އަތުން ޝެވަލް ބްލެންކް ރަންދެލި 3-1 އިން މޮޅުވުމާއެކު އެވެ. މި މެޗު ތިން ލަނޑުގެ ތަފާތަކުން ކާމިޔާބުކޮށް މޫވެންޕިކް އަށްވެސް ސެމީއަށް ދިއުމުގެ ފުރުސަތު އޮތެވެ.
މުވެންޕިކް އަތުން ޝެވަލް ބްލެންކް މޮޅުވި މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އަހުމަދު މާދިހު މި ލަނޑު ޖެހިއިރު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަހުމަދު އަފްރާހު ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޝެވަލް ބްލެންކްގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިން އަހުމަދު އަފްރާހެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި މޫވެންޕިކްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ސޮބާހެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ތާވަލުގެ ދެވަނައިގައި ޝެވަލް ބްލެންކް އޮތީ ތިން ޕޮއިންޓާއެކު އެވެ. އަދި ތިންވަނައިގަ މޫވެންޕިކް އޮތީ އެއް ޕޮއިންޓާއެކު އެވެ. މި ދެ ޓީމު ދެން ބައްދަލުކުރާނީ ނޮކައުޓް މެޗުންނެވެ. ނޮކައުޓުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ސިޔާމް ވޯލްޑާއި ގްރޫޕް ބީގެ ތިންވަނަ ހޯދި މޫވެންޕިކް އެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ސޮނޭވާ ޖާނީ އާއެވެ.
ގްރޫޕް އޭގެ ދެވަނަ މަގާމު ސިޔާމް ވޯލްޑް ހޯދީ ގްރޫޕުގެ ފަހު މެޗުގައި އިރުފުށި 4-2 އިން ބަލިކޮށްގެންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ސިޔާމް ވޯލްޑުގެ އަހުމަދު އިރުފާން އެ ޓީމަށް ލީޑު ނެގިއިރު، ފުރަތަމަ ހާފު ނިމުނީ މި ނަތީޖާ އާއެކު އެވެ.
ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އަހުމަދު ފަރުޝާން ސިޔާމް ވޯލްޑުގެ ދެވަނަ ލަނޑު ޖެހިއިރު، މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން އާދަމް ނިޔާޒު ވަނީ އިރުފުށީގެ ފުރަޔަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓުފަހުން ދެވަނަ ލަނޑުވެސް ޖެހި ނިޔާޒް އިފުރުއްޓަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުން ސިޔާމް ވޯލްޑް މޮޅުވީ މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު އަލީ ޒުބެއިރު ކާމިޔާބުކުރި ދެ ލަނޑުންނެވެ.
މި މެޗުގެ ނަތީޖާއާއެކު ނޮކައުޓުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ތިންވަނަ ސަން ސިޔާމް އިރުފުއްޓާއި ގްރޫޕު ބީގެ ދެވަނަ ޝެވަލް ބްލެންކް އެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ހޯދި ވެލާ ޕްރައިވެޓް އައިލޭންޑާއެވެ.
މި މަހުގެ 11 އިން 19 ގެ ނިޔަލަށް ސޮނޭވާ ޖާނީގައި ކުރިޔަށްދާ މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.