ކުޅިވަރު

ބަޔާނުން އަނެއްކާވެސް ބާސާ ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.

ބަޔޭންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. އަދި މިމެޗްގެ ފުރަތަމަ ހާފްގައި އެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔައެވެ. ހާއްސަކޮށް މިސީޒަންގައި ބަޔާން ދޫކޮށް ބާސާއަށް ބަދަލުވި ޕޯލަންޑްގެ އިތުބާރު ބޯވަޑް ރޮބަޓް ލެވަންޑޯސްކީއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. އަދި ގަވީއަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ.

ބާސާއަށް ފުރަތަމަ ހާފްގައި ލިބިގެންދިޔަ ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ދެވަނަ ހާފްގައި ބަޔޭންއިން އެޓީމްގެ ކުޅުން ރަނގަޅުކޮށް މެޗްގެ ކޮންޓްރޯލް ކޮންމެވެސް ވަރަކަށް އަތުލުމެވެ. އަދި މެޗްގެ 50 ވަނަ މިނެޓްގައި ބަޔޭންއިން ވަނީ އެޓީމްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ލޫކަސް ހެނާންޑޭޒްއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ބަޔޭންގެ ލިރޯއި ސާނޭ ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމްގެ ލިޑު ފުޅަކޮށް ހަމަޖެހިލިއެވެ.

މިކާމިޔާބީއާއެކު ބާޔާންއަށް މިހާރުމިވަނީ ކުޅުނު ދެމެޗުން މޮޅުވެ ލިބިފައިވާ ހަޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނަ ލިބިގެން ގޮސްފައެވެ. އަދި ބަސާ އުޅެނީ ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިގްރޫޕްގެ ތިންވަނައިގާ އުޅޭ އިންޓަ މިލާނަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ނަމަވެސް ބާސާއަށް ކުރި ލިބެނީ ފައިދާ ގޯލަށް ބަލާއިރުއެވެ.