އިންޑިއާގެ އަންހެން ކްރިކެޓް ޓީމާއި އިންގްލަންޑުގެ އަންހެން ޓީމުގެ މެދުގައި ކުޅުނު ޓީ20 ދެވަނަ މެޗު އިންޑިއާއިން ކާމިޔާބުކޮށް، މި ސީރީޒް އެއްވަރުކޮށްފިއެވެ.
މެޗް އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ އަށް ވިކެޓުންނެވެ. އިންގްލަންޑްގެ ޑަރބީގެ އިންކޯރާ ކައުންޓީ ގްރައުންޑްސްގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ އިންގްލަންޑްގެ ޓީމަށް 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 51 ލަނޑު ހެދި އުމުރުން 17 އަހަރުގެ ފްރެޔާ ކޭމްޕްއެވެ.
މިއީ އޭނާއަށް ހެދުނު ފުރަތަމަ ހާފް ސެންޗަރީއެވެ. އަދި މާއިއާ ބޮއުޗަރ ވަނީ 34 ލަނޑު ހަދާދީފައެވެ. މި އިނިންގްސްގައި އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 24 ލަނޑަށް 3 ވިކެޓު ނަގާދިން ސްނޭ ރާނާއެވެ.
ޖަވާބުގައި ކުޅެން އަރާ އިންޑިއާއިން ވަނީ 16 އޯވަރު ހަތަރު ބޯޅައަށް ދެ ކުޅުންތެރިން ނުބައިވެގެން 146 ލަނޑު ހަދާ މެޗް ކާމިޔާބުކޮށްފައެވެ. މިއީނިންގްސްގައި އިންޑިއާގެ ސްމިރިތީ މަންދަނާ ވަނީ ނުބައިނުވެ 79 ލަނޑު ހަދާދީފައެވެ. އަދި ހަރްމަންޕްރީތު ކޯރުވަނީ 29 ލަނޑު ނުބައިނުވެ ހަދާދީފައެވެ.
މި ކާމިޔާބީއާއެކު އިންޑިއާއިން މިވަނީ މިސީރީޒް ތިންވަަނަ މެޗަކަށް ގެންގޮސްފައެވެ. މި ދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ މެޗްވަނި އިންގްލަންޑުން ކާމިޔާބުކޮށްފައެވެ.