ކުޅިވަރު

ވިކްޓޯރިއާ ބަލިކޮށް އިންޓައަށް ފުރަތަމަ މޮޅު


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ވިކްޓޯރިއާ ޕްލިޒެންއާ ދެކޮޅަށް ކުޅުނު މެޗު އިންޓަ މިލާނުން ކާމިޔާބުކޮށްފިއެވެ.

ޕްލިޒެންގެ ދަނޑުގައި ކުޅުނު މި މެޗް އިންޓަރ އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް އިންޓަރއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ އިންޓަރ އިންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ތަޖްރިބާކާރު ފޯވަޑް އެޑިން ޖެކޯއެވެ. މެޗްގެ 61 ވަނަ މިނެޓްގައި ޕްލިޒެންގެ ޕަވެލް ބުޗާއަށް ރަތް ކާޑު ދެއްކުމާއެކު މެޗްގެ ބަކީބައި އެޓީމް ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މިކަމުގެ ފައިދާ ނަގާ އިންޓަރ އިން ވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ ޑެންޒެލް ޑަމްފްރީއެވެ. މެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އިންޓަރއަށް ލިބިގެންދިޔައެވެ. އަދި ޕްލިޒެންއިންވެސް ވަނީ ދޭތެރެ ދޭތެރެއިން މި މެޗްގައި އިންޓަރގެ ގޯލަށް ނުރައްކާކޮށްފައެވެ.

މި ކާމިޔާބީއާއެކު އިންޓަރއިން މި ވަނީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ މެޗުން މޮޅުވެފައެވެ. އެޓީމް ކުޅުނު ފުރަތަމަ މެޗްގައި ބަޔާން މިޔުނިކް އަތުން ވަނީ ބަލިވެފައެވެ. އަދި މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އުޅެނީ ގްރޫޕް ސީގެ ތިންވަނައިގައެވެ. އަދި ޕްލިޒެން އުޅެނީ ކުޅުނު ދެ މެޗުންވެސް ބަލިވެ ގްރޫޕްގެ ފުލުގައެވެ.