ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗު ސްޕޯޓިން ލިޒްބަންއިން ކާމިޔާބުކޮށްފިއެވެ.
ސްޕޯޓިންގގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ސްޕޯޓިންގ އިން ގިނައިރު ބޯޅަ ގެންގުޅެފައިވާއިރު ދެޓީމަށްވެސް ހަމަލާ އުފެއްދިފައިވަނީ އެއްވަރަކަށެވެ.
މެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވެއެވެ. ހާއްސަކޮށް ސްޕަރސްގެ ރިޗާލިސަންއަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާއަކުން އެއް ބޯޅަ ގޯލަށް ވައްދާލި ނަމަވެސް އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ. މި މެޗްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗް އެއްވަރުވެގެން ނިމެން ދަނިކޮށް ސްޕޯޓިންގ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 91 ވަނަ މިނެޓްގައި ޕައުލީނިއޯއެވެ. އަދި އޭގެ ދެ މިނެޓްފަހުން ދެވަނަ ލަނޑު ޖަހާދިނީ އަރތަރ ގޯމޭޒްއެވެ.
މިކާމިޔާބީއާއެކު ސްޕޯޓިންގ މިހާރު އުޅެނީ ގްރޫޕް ޑީ ގައި އެޓީމް ކުޅުނު ދެމެޗް ކާމިޔާބުކޮށްގެން އެއްވަނައިގައެވެ. އަދި ސްޕަރސް އުޅެނީ ދެ މެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މި ގްރޫޕްގައި އެއިންޓްރެކްޓް ފްރޭންކްފަރޓް އާއި އޮލިމްޕިކް ޑި މާސޭ ބައްދަލުކުރިމެޗް ރަށުން ބޭރުގައި 1-0 އިން ކާމިޔާބުކުރީ ފްރޭންކްފަރޓް އެވެ.