ކުޅިވަރު

ޗައިނާ އަތުންވެސް ރާއްޖޭގެ ޒުވާން ޓީމު ބަލިވެއްޖެ


20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ތިންވަނަ މެޗުގައި ޗައިނާ އަތުން ބަލިވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ޕްރިންސް ސައުދު ބިން ޖަލާވީ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.

ކުރީ ދެ މެޗާއި ޚިލާފަށް މި މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ މަސައްކަތު ރޭޓު ރަނގަޅެވެ. އެކަމަކު މި މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ޗައިނާއަށް ލީޑު ނަގައިދިނީ ޒުއެހެރެޓްއެވެ. އޭގެ ފަހުން ރާއްޖޭގެ އަހުނަފް މުޙައްމަދު ތަސްމީން (ނަފްކޮ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ޗައިނާއިން ލީޑު ފުޅާ ކުރީ މެޗުގެ 35 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަސްގޭއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޗައިނާއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ޒުއެހެރެޓްއެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުންތެރިން ވަރުގަދަ ޑިފެންސެއް ކުރިއިރު، މި ހާފުގައި ވެސް ޗައިނާއިން ވަނީ ރާއްޖޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ޗައިނާއިން ވަނީ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒެހުއަން އެވެ. އަދި ޗައިނާއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިޖިޓްއެވެ. މިއީ ރާއްޖޭގެ މުޙައްމަދު އައިހަމް އަންވަރު ޗައިނާ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން މިޖިޓް ކާމިޔާބުކުރި ލަނޑެކެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހުގެރޭ ރާއްޖެ ވާދަކުރާނީ މިޔަންމާއާ ދެކޮޅަށެވެ. އެ މެޗު ފަށަނީ އާދީއްތަ ދުވަހުގެރޭ 11:00 ގައެވެ.