ކުޅިވަރު

ސިޓީން ފަހަތުން އަރައި ޑޯޓްމުންޑް ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީ ގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް މިއާއެކުވެސް ޑޯޓްމުންޑުން ޑިފެންޑް ކުރަމުންދިޔަލެއް ރަނގަޅު ކަމުންނާއި ދޭތެރެ ދޭތެރެއިން ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންޕދިއުމުގެ ސަބަބުން ސިޓީއަށް މިމެޗްގައި ގިނަ ދަތިތަކަކާއި ކުރިމަތިވިއެވެ. އަދި މިމެޗްގައި އާންމުކޮށް ސިޓީގެ ފަރާތުން ފެންނަ މޮޅު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ.

ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ޑޯޓްމުންޑުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޫޑް ބެލިންގހަމްއެވެ. މިމެޗްގައި ސިޓީއިން އެއްވަރު ކުރި ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާދިނީ ޑިފެންޑަރ ޖޯން ސްޓޯންއެވެ. އަދި މިލަނޑާއެކު ސިޓީއަށް ލިބިގެންދިޔަ ހިތްވަރުގެ ނަތީޖާއަކަށް ވެގެންދިޔައީ އޭގެ ހަތަރު މިނެޓްފަހުން ސިޓީއިން މިމެޗްގެ ލިޑު ނެގުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މިސީޒަންގައި ޑޯޓްމުންޑުން ސިޓީއަށް ބަދަލުވި އަރލިންގ ހާލަންޑްއެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އަދި ޗެމްޕިއަންސް ލީގުގައި އޭނާ މިހާތަނަށް ކުޅުނު 21 މެޗްގައި ކާމިޔާބުކުރީ 26 ވަނަ ލަނޑެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު ދެމެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނައިގައެވެ. އަދި ޑޯޓްމުންޑް އުޅެނީ ދެމެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ އެފްސީ ކޯޕެންހޭގަން އާއި ސެވިއްޔާ ބައްދަލުކުރިމެޗް ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.