ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ޑީނަމޯ ޒަގްރެބާ ދެކޮޅަށް ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.
މިލާނުގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 45 ވަނަ މިނެޓްގަިއ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ މިލާނުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އޮލިވަރ ޖިރޫއެވެ. އަދި މެޗްގެ 47 ވަނަ މިނެޓްގައި މިލާންގެ ލީޑު ފުޅާކޮށްދިނީ އެލެކްސިސް ސައެލެމައެކަރސް ޖަހާދިން ލަނޑުންނެވެ.
މިމެޗްގައި ޒަގްރެބްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިސްލާވް އޯސިޗްއެވެ. އަދި މިލާނުން މިމެޗްގައި ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ ޓޮމާސޯ ޕޮބޭގާއެވެ.
މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު ދެމެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ޒަގްރެބް އުޅެނީ ދެމެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ ޗެލްސީ އާއި އާރްބީ ސާލްޒްބަރގް ބައްދަލުކުރިމެޗް އެއްލަނޑު އެއްލަނޑުން ދެޓީމް ވީ އެއްވަރެވެ. މިއާއެކު ސާލްޒްބަރގް ގްރޫޕްގެ ތިންވަނައިގާ ދެޕޮއިންޓާއެކު އުޅޭއިރު ޗެލްސީ އެއް ޕޮއިންޓާއެކު އުޅެނީ ގްރޫޕްގެ އެންމެ ފަހަތުގައެވެ.