މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އެއިޑް) އިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީއާއިއެކު 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ ޔޫ.އެސް.އޭ.އައި.ޑީގެ ފަރާތުން މިއަހަރު ސޮއިކުރި ހިލޭއެހީގެ 4ވަނަ އެއްބަސްވުމެވެ. އަދި މިފަދަ މަސައްކަތެއްކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުމެވެ. މިހިލޭއެހީގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ ފެހެންދޫ ހިމެނޭގޮތަށް ފަރުތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް އެކި ދާއިރާތަކުން، ގުޅިގެން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިޖުތިމާއި އަދި އިޤްތިޞާދީ ގޮތުން މުޖުތަމަޢަށް ފައިދާ ކުރާނެކަމަށާއި އިކޯ-ޓޫރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް ކުރިއަރުވައި، ބ.ގޮއިދޫ ކުޅިއާއި ޗަސްބިމާއި، ބ.އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މޮޑެލްއެއްގެ ގޮތުގައި ތަރައްގީކުރާނެކަމަށެވެ.
ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކޮށްދޭކަމެކެވެ. މިކަމުގެ ސަބަބުން ވެށިން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްގީކޮށް ފުޅާވުމަށް ފުރުސަތު ލިބޭނެއެވެ. ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގޮއިދޫ ކުޅިއާއި، ޗަސްބިމުގައާއި މުޅި އަތޮޅުގައި ގާއިމުކުރުމަކީ އިކޯ-ޓުއަރިޒަމް މަންޒިލެއްގެ ގޮތުގައި ބ.އަތޮޅު އިޝްތިހާރުކުރުމަށް ލިބޭނެ ފުރުސަތެކެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުވަނީ މުރަކަ ފަރުތަކާ ގުޅިލާމެހިފައިކަމުން މިފަދަ މުހިއްމު ގުދުރަތީ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަމުން އަންނަކަމަށެވެ. އަދި ރީތި ކުޅިފަލާ، ޗަސްބިމާ، މޫދު ވިނައިގެ ބަގީޗާތަކުގައި ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގާއިމުކުރެވޭނޭ ގޮތްތައް ބަލަމުން އަންނަކަމަށާއި މިފަދަ ތަންތަނުގެ ރީތިކަމަކީ އެކަމުގެ ސަބަބުން ދިވެހި އަދި ބޭރުގެ ފަތުރުވެރިން އެސަރަހައްދުތަކަށް ޝައުގުވެރި ކުރުވާކަމެއްކަމަށެވެ. އަދި މިފަދަ ފަތުރުވެރިކަމުން ވިޔަފާރީގެ ފުރުސަތުތައް ހުޅުވިގެންދާނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުގެ އުއްމީދަކީ ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު ކުރިއަށްދާ މި އެއްބާރުލުމުގެ ތެރެއިން އަޅުގަނޑުމެން ދިރިއުޅެ، ކައިބޮއި، އަދި ހެދިބޮޑުވާ ރާއްޖެ ހިޔާމަތްކޮށް ރައްކާތެރިކުރުން. ގުދުރަތީ ވެށި ރައްކާތެރިކޮށް، އެ ސަރަހައްދުތަކުން ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނޭ ގޮތްތައް ފަހިވުމަކީ ހަމައެކަނީ ތިމާވެއްޓަށް ލިބޭނޭ ކުރިއެރުމެއް ނޫން. މިއީ އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، ވަކިން ޚާއްސަކޮށް ދިވެހިރައްޔިތުންނަށް ލިބޭނޭ ކުރިއެރުމެއް. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ ގައުމެއް ފޯރުކޮށްދެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން" މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަރަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވިއެވެ.
ޔޫ.އެސް.އޭ.އައި.ޑީގެ ފަރާތުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މިޝަން ޑައިރެކްޓަރ ގެބްރިއެލް ގްރައު ވިދާޅުވީ މުޖުތަމައު ބާރުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ އަސަރުތަކަށް އެފަރާތްތަކުގެ ވިލުންވެރިކަން އިތުރުކުރުމަށް ޔޫ.އެސް.އައި.ޑީގެ ފަރާތުން މަސައްކަތް ކުރާނެކަމަށެވެ. އަދި މި ކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކޮށް، އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިވުމަށް މަސައްކަތް ކުރާނެކަމަށެވެ.
"މިހިލޭއެހީގެ އެއްބަސްވުމަކީ ޔޫ.އެސް.އެއިޑުން ދިވެހިރާއްޖެއާއި ދިވެހިންނާއެކު ސާބިތުވެތިބޭކަމުގެ ރަމްޒެއް. އަޅުގަނޑުމެންގެ އަމާޒަކީ، މިހިލޭއެހީގެ ދަށުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީއާއެކު މަސައްކަތްކޮށް ގުދުރަތީ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުން. ކުޅިފަލާ، ޗަސްބިން ރައްކާތެރިކުރުމަކީ އޭގެ ސަބަބުން ގިނަ ގުނަ ފައިދާ ލިބޭ ކަމެއް. މީގެ ތެރޭގައި ތިމާވެށިން ފޯރުކޮށްދޭ ޚިދުމަތްތަކާ، އުދައެރުމުން ލިބޭ ގެއްލުމުން ރައްކާތެރިކަން އިތުރުވުން ހިމެނޭ. " ގެބްރިއެލް ގްރައު ވިދާޅުވިއެވެ.
މިއެހީއަކީ ޔޫ.އެސް.އެއިޑުގެ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހަވާލުކޮށްފައިވާ ހަތަރުވަނަ ހިލޭއެހީއެވެ. މި މަސައްކަތަކީ 5 އަހަރުގެ މުއްދަތަށް ހިންގާ، 10.5 މިލިއަން ޑޮލަރުގެ މަސައްކަތެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކުގެ ހިރާސްތަކަށް ވިލުންވެރިކަން އިތުރުކުރުމަށް އެހީތެރިވާނެއެވެ. މި މަސައްކަތަކީ ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ވިލުންވެރި މުޖުތަމައެއް އުފެއްދުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މަސައްކަތެކެވެ.