ހަކަތައަށް ކުރާ ޚަރަދު ބޮޑުވުމާއި ޖަޕާނުގެ ފައިސާ ކަމަށްވާ ޔެންގެ އަގު ދަށަށް ދިއުމުގެ ސަބަބުން އެޤައުމުގެ އިމްޕޯޓް އިތުރުވެ، ޓްރޭޑް ޑެފިސިޓް ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.
ޓްރޭޑް ޑެފިސިޓް އިތުރުވުމަކީ ޖަޕާނުގެ އިޤްތިޞާދީ ދުވެލި ރަނގަޅު ނޫންކަން އަންގައިދޭ ކަމެކެވެ.
ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އަށް ކުރާ ޚަރަދުތަކުގެ ސަބަބުން އޮގަސްޓް މަހުގެ ނިޔަލަށް ޖަޕާނުގެ އިމްޕޯޓްވަނީ%49.9 އިތުރުވެފައެވެ. މިއާއިއެކު ޓްރޭޑް ޑެފިސިޓް ވަނީ ރެކޯޑު މިންވަރެއް ކަމަށްވާ 19.71 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ. އޮގަސްޓްމަހުގެ ޓްރޭޑް ޑެފިސިޓްގެ އިތުރުވެފައިވާއިރު މިއީ ވިދިވިދިގެން ޓްރޭޑް ޑެފިސިޓް އިތުރުވީ 13 ވަނަ މަހެވެ.
ޖަޕާނުގެ އިމްޕޯޓް މިންވަރު އިތުރުވާނެ ކަމަށް ކުރިން ލަފާކޮށްފައިވަނީ %46.7 އެވެ. ނަމަވެސް އިމްޕޯޓު ކުރި މިންވަރު އަހަރުން އަހަރަށް ބަލާއިރު %22.1 އަށްވަނީ އިތުރުވެފައެވެ.
ރޯ މެޓީރިއަލްގެ އަގު ބޮޑުވުމާއި ސަޕްލައިއަށް ލިބުނު ލުއިތަކުގެ ސަބަބުން އިމްޕޯޓް ކުރާ މިންވަރު އިތުރުވީ ނަމަވެސް އެކްސްޕޯޓްކުރާ މިންވަރު ދަށްވެފައިވާ ކަމަށް ނޮރިންޗުކިން ރިސާޗް އިންސްޓިޓިއުޓްގެ ޗީފް އިކޮނޮމިސްޓް ޓާކޭޝީ މިނާމީ ވިދާޅުވި އެވެ.
ސަރަހައްދަށް ބަލާއިރު، ޖަޕާނުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާކަމަށްވާ ޗައިނާއަށް އެކްސްޕޯޓުކުރި މިންވަރު ވަނީ އަގުގެ ގޮތުން %13.5 އިތުރުވެފައިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އެމެރިކާއަށް އެކްސްޕޯޓުކުރި ޝިޕްމަންޓްތައް އޮގަސްޓް މަހު ވަނީ %33.8 އިތުރުވެފައެވެ. އެމެރިކާއަށް އެކްސްޕޯޓުކުރި މިންވަރު އިތުރުވީ މޮޓޯ ވެހިކަލްތަކާއި އޭގެ ބައިތައް އެކްސްޕޯޓް ކުރުން އިތުރުވުމުންނެވެ.
ޖަޕާނުގެ އިގްތިސާދީ ދުވެލި ޖެހިޖެހިގެން ތިން ކުއާޓަރުގައި ހަލުއިވެފައިވާ ކަމަށް މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން އާއްމުންނާއި ވިޔަފާރިތަކުން ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ.
ނަމަވެސް ދުނިޔޭގެ ގިނަ މަރުކަޒީ ބޭންކުތަކުގެ މާލީ އުސޫލުތައް ހަރުކަށިކުރުމާއި މުޅި ދުނިޔޭގެ އިގްތިސާދުވެސް ހީނަރުވުމުގެ ސަބަބުން ޖަޕާނުގެ ކޮންސިއުމަރުންނާއި އާއި ވިޔަފާރިތަކަށްވެސް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ.