ދުނިޔޭގެ އިޤްތިޞާދީ ދުވެލި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައިވެސް މަޑުވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އިން ލަފާކޮށްފިއެވެ.
ތިން ވަނަ ކުއާޓަރުގައި އިޤްތިޞާދީ ދުވެލި މަޑުޖެހި ބައެއް ގައުމުތައް ރިސެޝަނަށް ވެއްޓިދާނެ ކަމަށް ބެލެވޭ ކަމަށްވެސް އައިއެމްއެފްއިން ބުނެއެވެ. ނަމަވެސް ފުޅާ ދާއިރާއެއްގައި ރިސެޝަން އަންނާނެކަމާއިމެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށް އައިއެމްއެފްގެ ތަރުޖަމާނު ގެރީ ރައިސްވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އިންފްލޭޝަން މަތިވުމާއި ސަޕްލައި ޗޭންގެ މައްސަލަތަކާއި މާލީ މާކެޓުތަކުގެ ހާލަތު ހަރުކަށިވުމުން ތިންވަނަ ކުއާޓަރުގައި އިތުރަށް އިޤްތިޞާދީ ދުވެލި މަޑުޖެހޭނެއެވެ.
އައިއެމްއެފްގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ފުރަބަންދުކުރުމާއި ރިއަލް އެސްޓޭޓްގެ މައްސަލަތަކުގެ ސަބަބުން ޗައިނާގެ އިޤްތިޞާދަށް އަސަރުކުރާނެކަމަށެވެ. އަދި ޑޮލަރުގެ އަގު ރަނގަޅުވުމުންވެސް ގިނަ ގައުމުތަކަށް އަސަރުކުރާނެއެވެ.
"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި 23 ވަނަ އަހަރު ބައެއް ގައުމުތަކަށް ރިސެޝަން ކުރިމަތިވާނެ. އެއީ ފުޅާ ދާއިރާއެއްގައި ރިސެޝަނަކަށް ވާނެތޯ ބުނަން އަދި މާ އަވަސް." އައިއެމްއެފްގެ ތަރުޖަމާނު ރައިސް ވިދާޅުވިއެވެ.
ބައެއް ގައުމުތައް ޓެކްނިކަލީ ރިސެޝަނަކަށް ނުދިޔަ ނަމަވެސް ދުނިޔޭގެ އެތައް ބަޔަކަށް އެއީ ރިސެޝަނެއް ގޮތަށް އިހުސާސެއް ކުރެވޭނެ ކަމަށް ރައިސް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެފްރިކާގައި މިދިޔަ ދެ އަހަރު ތެރޭގައި އެކަނިވެސް ތިންބައިކުޅަ އެއްބައި މީހުން ބަނޑުހައިހޫނުކަން ކުރިމަތިލާންޖެހި 123 މިލިއަން މީހުންނަށް އޭގެ އަސަރު ކުރިއެވެ.
އައިއެމްއެފް އިން ޖުލައި މަހު ވަނީމިއަހަރުގެ ދުނިޔޭގެ އިޤްތިޞާދީ ދުވެލި %3.2 އަށް އަދި އަންނަ އަހަރު %2.9 އަށް ދަށްވާނެ ކަމަށް ލަފާކޮށްފައެވެ.