ޚަބަރު

ޔަހޫދީ ސިފައިން ފަލަސްޠީނުގެ ޒުވާނެއް ޝަހީދުކޮށްލައިފި


ޔަހޫދީ އިސްރާޢީލުން އަތްގަދަކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަސްކަރިއްޔާއިން ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ. ފާއިތުވި މަހުގައި ޔަހޫދީންގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރިއާއި ޣައްޒާއަށް އަރައި ހިންގަމުންދާ އުދުވާންތަކުގެ އަދަދު ވަނީ އިތުރު ކޮށްފައެވެ.

ހުޅަނގު އައްސޭރީގެ ޖެނިންގައި ޔަހޫދީންގެ ސިފައިން އެންމެ ފަހުން ހިންގި އުދުވާނުގައި ޝަހީދު ކޮށްލާފައި ވަނީ 17 އަހަރުގެ ޒުވާނެކެވެ. އިސްރާޢީލުން ބުނީ އޭނާ ޝަހީދު ކޮށްލީ، އެ ޤައުމުގެ ސިފައިން ޖެނިންގައި ހިންގަމުންދިޔަ އޮޕަރޭޝަނަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރުމުން ކަމުގައެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވަނީ، ޔަހޫދީންގެ އުދުވާނުގައި ފަލަސްޠީނުގެ ޒުވާނަކު ޝަހީދުކޮށްލި ހާދިސާ ކުށްވެރި ކުރައްވާފައެވެ. "އިސްރާޢީލުން ހިންގަމުންދާ އުދުވާންތައް ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ބައިނަލްއަޤުވާމީ މުޖުތަމަޢުން، ޚާއްޞަކޮށް އެމެރިކާއިން، އިތުރަށް މަސައްކަތް ކުރަން ޖެހޭ. އަބަދު ފަލަސްޠީނު ކުށްވެރިކޮށްފައި، އިސްރާޢީލުގެ އަމަލުތައް ދިފާޢު ކުރުމަކީ ހައްލެއް ނޫން،" އައްބާސްގެ އިސް ތަރުޖަމާނެއް ކަމުގައިވާ ނަބީލް އަބޫ ރުދައިނާ ވިދާޅުވިއެވެ.

އިސްރާޢީލުން ހިންގަމުންދާ މި ފަދަ އުދުވާންތަކާ ގުޅިގެން ފަލަސްޠީނުގެ ސަރުކާރުގެ ބާރު ކެނޑިފައިވާ ކަމުގައި ފަލަސްޠީނުން ބުނެއެވެ. ފަލަސްޠީނާއި އިސްރާޢީލާ ދެމެދު ޞުލްޙަ ޤާއިމު ކުރުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދިޔަ މަޝްވަރާތަކަށް 2014 ވަނަ އަހަރު ވަނީ ނިމުމެއް އައިސްފައެވެ. އަދި، މަޝްވަރާތައް އަލުން ފެށުމަށް ކުރަމުންދިޔަ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.