ޚަބަރު

"ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައި ކައުންސިލްތަކަށް ގެއްލުންވާނެކަމެއް ނެތް"


  • ލާމަރުކަޒީ ޤާނޫނުގެ އިސްލާހުން ފައިދާ ވާނީ ރައްޔިތުންނަށްކަމަށް ވިދާޅުވި

  • ކައުންސިލްތަކަށް ބާރު ގެއްލޭނެ އިސްލާހެއް ނުގެނޭ

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައި ކައުންސިލްތަކަށް ގެއްލުންވާނެކަމެއް ނެތްކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ، "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި، ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި، ތަންތަނުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އެލްޖީއޭގެ ސީއީއޯ ނިމާލް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކުގެ ސަބަބުން ކައުންސިލްތަކަށް ގެއްލުންވާނެކަމަށް ބުނާއިރު، އެކަމަށް މާނަވީ ޙުއްޖަތެއް އެއްވެސް ކައުންސިލަކަށްވެސް އަދި އެހެން ފަރާތަކަށްވެސް ނުދެއްކޭކަމަށެވެ. އަދި އެލްޖީއޭގެ ދައުރަކީ ކައުންސިލްތައް ހިންގަނީ ޤަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުންކަމަށާއި، އެ ދައުރު އެލްޖީއޭއިން ފުރިހަމަކުރާނެކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން ކައުންސިލްތައް ހުއްޓުމަކަށް އަންނާނެ އެއްވެސްކަމެއް ކުރެވިފައިވާތަން ފެންނަން ނެތްކަމަށް ނިމާލް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުތަކުން ރައްޔިތުންނަށް ކުރާނީ ފާއިދާކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކައުންސިލްތަކުން އެހެން ބުނަނީ ކީއްވެކަމެއް ނޭނގޭ. އަޅުގަނޑަކަށް ނުފެނޭ ކައުންސިލް ހުއްޓުވާކަށް ނޫނީ ދޮރު ބަންދުކުރާކަށް ވެފައި އޮތްތަނެއް. ވަރަށް ބޮޑެތި ފަސޭހަތަކެއް ރައްޔިތުންނަށް އަންނަމުންދާކަމަށް އަޅުގަނޑަށް ފެންނަނީ." އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އޮތް އިސްލާހެއްކަމަށް ނިމާލް ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނަށް އިސްލާޙުގެނައުމަކީ އެއީ ބާރުތައް މަރުކަޒުކުރުންކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ރަށްރަށަށް ގޮސް އެ ރަށް ރަށުގެ ކަންކަން ބަލާލުމުން، ކައުންސިލްތަކުން ރަށްރަށުގެ ބިން ބޭނުންކުރަނީ އެންމެ ފައިދާ ހުރިގޮތަށް ނޫންކަން ފެންނާނެކަމަށް ނިމާލް ވިދާޅުވިއެވެ. އެހެންކަމުން އެ އިސްލާހުން ރައްޔިތުންނަށް ގެއްލުންވާކަމަށް ބުނަނީ ކަންކަން ހިނގާގޮތް ނޭނގޭތީކަމަށް ނިމާލް ވިދާޅުވިއެވެ.

"މިނިވަން އިވަލުއޭޝަނެއް ހަަދައިފި ނަމަ ރައްޔިތުންނަށް އޭގެ ފައިދާ ނުކުރާނެ ގޮތަށް ވަރަށް ޕްރައިމް ލޮކޭޝަންތަކުން އެބަ ހުރި ބިންތައް ދީފައި. ރަނގަޅު މަޝްރޫޢުތައް ހިންގަން ބިންތައް ނުލިބުމުގެ މައްސަލަ އެބަ ދިމާވޭ." އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާވިއެވެ.

ނިމާލް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް، މަޝްރޫޢުތައް ނުހިނގާނަމަ އޭގެ ގެއްލުން ކުރާނީ ރައްޔިތުންނަށްކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ޤާނޫނު އޮންނަންވާނީ ރައްޔިތުންނަށް ފައިދާ ވާގޮތަށް ކަމަށް ނިމާލް ވިދާޅުވިއެވެ.

ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގައި އެލްޖީއޭއަށް އަންގަން ޖެހޭ ގޮތަށް އުސޫލު ބަދަލުކުރީ ކައުންސިލްތަކަށް ދެރައެއް ދިނުމަށް ނޫންކަމަށް ނިމާލް ވިދާޅުވިއެވެ. އަދި އެއީ ކައުންސިލްތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށް ރަނގަޅު ނިޔަތުގައި ކުރިކަމެއްކަމަށް ނިމާލް ވިދާޅުވިއެވެ.