ޚަބަރު

ޓްރަމްޕްގެ މަންދޫބުން ރަޝިއާއާއި ޔޫކްރެއިނަށް


ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިންމުމުގެ ރޭވުމަކާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ކަމުގައިވާ ސްޓީވް ވިޓްކޮފް އަދި ޖެރަޑް ކުޝްނަރ ރަޝިއާ އަދި ޔޫކްރެއިނަށް ވަޑައިގަންނަވާނެ ކަން ޓްރަމްޕް ހާމަކުރައްވައިފިއެވެ. އެމެރިކާގެ ނޫސް، އެކްސިޔޮސްއިން ބުނީ، ސެޕްޓެންބަރު 5 ވަނަ ދުވަހު ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވައި، ވިޓްކޮފާއި ކުޝްނަރ އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލު ކުރައްވާނެ ކަމުގައެވެ. އަދި، އެއަށްފަހު، ސެޕްޓެންބަރު 6 ވަނަ ދުވަހު ޔޫކްރެއިންގެ ވެރިރަށް ކީވަށް ދަތުރުކުރައްވައި، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައެވެ. ވިޓްކޮފާއި ކުޝްނަރގެ ދަތުރުފުޅާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ހާމަކުރުމަށް ރަޝިއާއިން ވަނީ ދެކޮޅު ހަދާފައެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ދުށް އެންމެ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، މަޝްވަރާތައް އަލުން ފެށުމަށް ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތުގެ ދަށުން އެޅުއްވި ފިޔަވަޅެއް ކަމުގައި މަސްރަޙުގެ ދާރިސުން ފާހަގަކުރެއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ރަޝިއާ-ޔޫކްރެއިން ޞުލްޙައިގެ މަސައްކަތްތައް ހުއްޓިފައި އޮތް ނަމަވެސް، ޞުލްޙަ ޤާއިމުކުރެވޭނެ ގޮތުގެ ރަނގަޅު ޚިޔާލެއް އޮތް ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. މީގެ ކުރިން ފަލަސްޠީނުގެ ޣައްޒާ ޤަތުލުޢާންމުގެ މައްސަލައާއި އަދި އީރާނުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ވިޓްކޮފް އަދި ކުޝްނަރ، މިދިޔަ އަހަރު ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފަހުން މިއީ ކީވްއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދެ ޤައުމުން ދުރު ރާސްތާގެ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު، ކީވްގެ މެދުތެރޭގައި ހުންނަ ޔޫކްރެއިންގެ އެތެރޭގެ ޖާސޫސީ އިދާރާގެ (އެސްބީޔޫ) މައި މަރުކަޒަށް ރަޝިއާގެ ޑްރޯން ހަމަލާއެއް ވަނީ އަރާފައެވެ. އަދި، ދްނީޕްރޯޕެތުރޮވްސްކްގެ ކަމިއަންސްކޭއަށް ދިން ހަމަލާއެއްގައި ހަތަރު މީހުން މަރުވެ ފަސް މީހުން ޒަޚަމްވި ކަމަށް އެ ސަރަޙައްދުގެ އަސްކަރީ އިދާރާއިން ބުންޏެވެ. މި ހަމަލާތަކާއެކު ވެސް، އެމެރިކާގެ މަންދޫބުންގެ ދަތުރުފުޅު ކުރިއަށްދާ މުއްދަތުގައި ދެ ފަރާތުން ވެސް ވައިގެ ހަމަލާތައް މެދުކަނޑައިލުމަށް ޒެލެންސްކީ ވަނީ ހުށަހަޅުއްވާފައެވެ.