ޚަބަރު

މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި


ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކޮށް ނިމުމުން، ލަފާފުރުމުގެ ދަތިތައް ޙައްލުވެގެން ދާނެއެވެ. ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރި ކަމަށް މަޝްހޫރު މިރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވުމުން، އިޤްތިސާދީ ފައިދާތަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، 59،013.29 އަކަމީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3245.48 ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 105 މީޓަރު ގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1508.90 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 59.71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މާއުނގޫދޫ ގައި ބޭއްވުނު މި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މަޖްލިސް މެމްބަރު މުޙައްމަދު ޝާހިދު އާއި، މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.