ދުނިޔޭގެ ވިޔަފާރި

އެއްބަސްވުމާއި ޚިލާފުވި މައްސަލައިގައި އިލޯން މަސްކާއި ޓްވިޓަރއިން ސުވާލުކުރަނީ


މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާ ގަންނަން އުޅުމަށްފަހު، އެ ނިންމުން ބަދަލުކުރި މައްސަލައިގައި ދުނިޔޭގައި ދެވަނައަށް އެންމެ މުއްސަނދި މީހާކަމަށްވާ އިލޯން މަސްކާއި ޓްވިޓަރއިން ސުވާލުކުރުން އަންނަ ހަފްތާއަށް ތާވަލުކޮށްފިއެވެ.

ޑެލަވޭއާގެ ކޯޓް އޮފް ޗާންސެރީއަށް އަންގާރަ ދުވަހު ހުށަހެޅި މައްސަލައެއްގައި ބުނެފައިވާ ގޮތުގައި މަސްކާއި ސުވާލުކުރުން ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 26 ވަނަ ދުވަހާއި 27 ވަނަ ދުވަހަށެވެ.

މި މައްސަލައާއި ގުޅިގެން އޮރެކަލް ކޯޕްގެ ކޯ ފައުންޑަރު ބިލިއަނަރު ލެރީ އެލިސަން އާއި އިންޓެލް ކޯޕްގެ ކުރީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ރޮބަޓް ސްވާން އަދި މިހާރު ބްލޮކް އިންކްގެ ޗީފް އެގްޒެކެޓިވްކަމުގެ މަގާމު އަދާކުރައްވާ ޓްވިޓާގެ ކޯ ފައުންޑަރު ޖެކް ޑޯސީއަށްވެސް ވަނީ ޗިޓް ފޮނުވަން ނިންމާފައެވެ.

އޮކްޓޫބަރު މަހު 17 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ ޝަރީއަތެއް ޑެލަވޭއާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މައްސަލައިގައި ދެ ފަރާތުންވެސް ވަނީ ތުހުމަތުތަކެއްކޮށްފައެވެ.

ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ މަސްކް ހަތަރު ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނަން އުޅޭ ވާހަކަ ދައްކަވާ، ހުރިހާ ކަމެއް ހަމަޖެހިފައިވަނިކޮށް، އެ އެއްބަސްވުން ކެންސަލްކުރީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅުއެވެ.

ޓްވިޓާ ނުގަންނަން ފަހު ވަގުތު މަސްކް ނިންމުމުން، ޓްވިޓާއިން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

މަސްކްގެ ނިންމުން ބަދަލުކުރީ ސްޕޭމް އެކައުންޓްތަކާއި ފޭކް އެކައުންޓްތަކުގެ ސައްހަ އަދަދު ދޭން ޓްވިޓާއިން އިންކާރު ކުރުމުން ކަމަށް އޭނާ ބުނެއެވެ.

ޓްވިޓާ އިން މަސްކްއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ދެ ފަރާތުގެ ދެމެދުގައި ޤާއިމްކުރި އެއްބަސްވުމާއި ހިލާފުވުމުންނެވެ. ޓްވިޓާ ގަންނާނެ ކަމުގެ ޔަގީންކަން އެ އެއްބަސްވުމުގައި މަސްކް އޮތީ ދީފައެވެ.