އެތައް ޒަމާނެއް ވަންދެން ޅ.އޮޅުވެލިފުށީގައި ބޭނުންކުރަމުން އައި އިންޖީނުގޭގެ ބަދަލުގައި އަލަށް ތަރައްޤީކުރި ޒަމާނީ އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފިއެވެ.
އެރަށުގެ ގެތަކަށް ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ރާއްޖޭގެ އެހެން ރަށްތަކާ އެއްގޮތަށް އޮޅުވެލިފުއްޓަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކަރަންޓުގެ މައްސަލައަކީ ފާހަގަކޮށްލެވޭ މައްސަލައެކެވެ. މީގެ ތެރެއިންވެސް ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވަނީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަރަންޓު ފޯރުކޮށްދޭ އިންޖީނުގެ ހުރުމުންނެވެ. ރަށަށް ބީރައްޓެއްސެއް އައިނަމަވެސް އެންމެ ފުރަތަމަ ދުވަނީ ގަދަ ދުމުގެ ވަހެވެ. އަޑު އެހާމެ ގަދަވާނެއެވެ. ސަބަބަކީ އެރަށުގެ 28 އަހަރުވީ އިންޖީނުގެ ހުރީ ބަނދަރު މަތީގައެވެ. އެ ސަރަޙައްދަކީ މިސްކިތާއި އާއްމު ރައްޔިތުންގެ ގެތައްވެސް ހުންނަ ސަރަޙައްދެވެ. އަޑު ގަދަވުމާއި ދުމުގެ ސަބަބުން މިސްކިތަށް ނަމާދަށް އަރާ މީހުންނަށްވެސް އުނދަގޫވެއެވެ. ހަމައެހެންމެ ބޯފެން ނެގުމަށްވެސް ރައްޔިތުންނަށް އުނދަގޫވެ ދުމުގެ އަސަރުކޮށްފައިވާ ފެން ބޮވިދާނެކަމުގެ ބިރު އެރަށުގެ ރައްޔަތުންނަށް އޮވެއެވެ.
އެހެންނަމަވެސް ރައްޔިތުންގެ ތަކުލީފަށް ނިންމުން ގެނެސްދިނީ އަދުގެ ސަރުކާރުން ހިންގާ ރަށރްށުގައި މީހުންދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތައް ރައްޔިތުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކޮށް އައު އިންޖީނުގެއަކުން ކަރަންޓު ފޯރުކޮށްދިނުމަށް ފައްޓަވާފައިވާ މަޝްރޫޢުގެ ތެރެއިންނެވެ. މީގެ ކުރިން ބޭނުންކުރި އިންޖީނުގެއަކީ އެޒަމާނަށް އެންމެ އެކަށީގެންވާ އިންޖީނުގެއެއް ނަމަވެސް މިހާރު ކަރަންޓަށް އޮތް ޑިމާންޑު އިތުރުވެ، އިތުރު ޖަނެރޭޓަރު ސެޓްތައް ވައްދަން ޖެހުމުން ޖާގައިގެ ގޮތުންވެސް ވަނީ ބޮޑު ދައްޗަކަށް ވެފައެވެ.
މި ހުރިހާ ދައްޗަކާއެކު ދިރިއުޅެމުން އައި އޮޅުވެލިފުށީގެ ރައްޔިތުންނަށް މިހާރު މިވަނީ އެކަމުން އަރައި ގަނެވިފައެވެ. މިގޮތުން މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެއާއެކު 400 މެގަވޯޓްގެ ޖަނެރޭޓަރެއްވަނީ ބަހައްޓާފައެވެ. ރަށުގެ ބައު އިންޖީނުގެއިން ކަރަންޓު ދެމުން އައީ 150 ކިލޯ ވޯޓްގެ ޖަނެރޭޓަރަކާއި 250 ކިލޯވޯޓްގެ ޖަނަރޭޓަރަކުންނެވެ.
ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގައި ހިންގަމުން ދިޔަ އިންޖީނުގެތައް، ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާއި އައު އިންޖީނުގެތައް އެޅުމާއި ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.
މިސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަމުން އައި 67 އިންޖީނުގެ ހުއްޓެވެ. އެހެންނަމަވެސް އެ 67 އިންޖީނުގެ މިހާރު ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ބަދަލުކޮށްފައެވެ.