ކުޅިވަރު

ބާސްކެޓުގެ އައު ޖީލެއް ބިނާކުރަން އެސޯސިއޭޝަނުން ބޮޑު ޗެލެންޖަކަށް


ކޮވިޑުގެ ހާލަތާއި ގުޅިގެން މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ކުޅުންތެރިން ބާސްކެޓު ދޫކޮށް އެހެން ކުޅިވަރުތަކަށް ބަދަލުވެފައިވާ ކަމަށާއި، އަމާޒަކީ ޒުވާން ކުޅުންތެރިންނާއެކު އާ ޖީލެއް ބިނާކޮށް ކުޅިވަރުގައި ހަރަކާތްތެރިވާ ކުޅުންތެރިންގެ އަދަދު އިތުރުކުރުމަށް ކަމަށް ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.

ބާސްކެޓުގައި ހަރަކާތްތެރިވާ ކުދިންގެ އަދަދު މި ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް އެސޯސިއޭޝަނުން ބުނެއެވެ. ސަބަބަކީ ކޮވިޑުގެ ހާލަތާއި ގުޅިގެން ދިގު މުއްދަތެއް ވަންދެން ނުކުޅެ ތިބެން ޖެހުމުގެ ސަބަބުން އެ ކުޅުންތެރިން އެހެން ކުޅިވަރުތަށް ހިޔާރުކޮށްފައި ވުމާއެކު އެވެ.

އެއާއެކު ކުޅިވަރު ކުރިއެރުވުމަށް އެސޯސިއޭޝަނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުނެވެ. އަދި އާ ޖީލެއް ބިނާކުރުމަށް އެސޯސިއޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

ޓީވީއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބާސްކެޓް އެސޯސިއޭޝަނުގެ ރައީސް އެޑަމް ވިދާޅުވީ ކޮވިޑުގެ ހާލަތަށްފަހު ބާސްކެޓް އެސޯސިއޭޝަނަށް ކުޅުމުގެ ފުރުސަތު ލިބުނީ އެހެން ކުޅިވަރުތަކާ ހިލާފަށް ތަންކޮޅެއް ލަހުން ކަމަށާއި އޭރު އަންހެން އަދި ފިރިހެން ޓީމު ވަކިވަކިން ފެންވަރު ވަޒަންކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ފެންވަރު ވަޒަންކުރިއިރު އެނގިގެންދިޔައީ އަންހެން އަދި ފިރިހެން ޓީމުގައި ވެސް ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން ހުރިކަން ކަމަށާއި ލޯކަލް ލީގު ނިމުމާއެކު މަސައްކަތް ފެށީ ކުދިންނަށް ބޭނުންވާނެ ކަންކަން ބަލައިގެން އެ ކަންކަން ރަނގަޅުކުރުމަށް ކަމަށާއި ކޮވިޑުގެ ހާލަތާއި ގުޅިގެން ގެއްލުނު ދެ އަހަރާއެކު މި ކުޅިވަރު ދޫކޮށް ދިޔަ ކުޅުންތެރިންގެ ސަބަބުން އޭގެ އަސަރު މީގެ ތިން އަހަރުފަހުން ކުރާނެ ކަމަށެވެ. އެހެންކަމުން މިހާރު އާ ޓާގެޓަކީ އާ ކުޅުންތެރިން ބާސްކެޓުގެ ތެރެއަށް ވެއްދުމަށް ކަމަށާއި މީގެ ނަތީޖާ ހަތަރު ނޫނީ ފަސް އަހަރު ފަހުން ފެނިގެންދާނެ ކަމަށް އުއްމީދައްވާ ކަމަށް އެޑަމް ވިދާޅުވިއެވެ.

އެޑަމް ވިދާޅުވީ އަންހެން ބާސްކެޓުގެ ތެރޭގައި ހަރަކާތްތެރިވާ އަންހެން ކުޅުންތެރިންގެ އަދަދު ގިނަ ކަމަށާއި އަންހެން ކުޅުންތެރިން ގައުމީ ޓީމަށް ޅަ އުމުރުގައި އަރާ ކަމަށެވެ. އެއީ ކުޅިވަރު ކުރިއެރުވުމަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ބެލެނިވެރިންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

މުޅި ރާއްޖެއަށް ފުޅާކޮށްގެން ކުރިޔަށްދާ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި އެގޮތުން ގއ، ވިލިނގިލި، ތިނަދޫ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގައި މިއަހަރު ނިމުމުގެ ކުރިން ފެސްޓިވަލްތަކެއް ބާއްވާނެ ކަމަށެވެ. އަދި ޓާގެޓަކީ މިއަހަރުގެ ޑިސެމްބަރު ނިމުމުގެ ކުރިން ބާސްކެޓް ކުޅުމައި ހަރަކާތްތެރިވާ ކުދިންގެ އަދަދު މީގެ ކުރިން ހުރި ވަރަށް އިތުރުކުރުން ކަމަށްވެސް އެޑަމް ވިދާޅުވިއެވެ.

ސަރަހައްދީ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް ރާއްޖޭގައި ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވާދަކުރާއިރު، މި ޓީމުގައި ގިނައިން ތިބީ ޒުވާން ކުޅުންތެރިންނެވެ. 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގެ ލޯ މެޑަލް ހޯދި ޓީމުގެ ކުޅުންތެރިން މި ސްކޮޑުގައި ހިމެނެއެވެ. މި ޓީމު ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ހައި ޕާފޯމަންސް ސެންޓަރެއްގައި ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.