ޚަބަރު

އެއާޕޯޓުގެ ތަރައްޤީއާއެކު، ބޮޑު ތިލަދުންމައްޗަށް ރައީސްގެ ބޮޑު ތަސައްވަރެއް!


ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކޮށް ބޮޑުތިލަދުންމައްޗަށް އިޤްތިޞާދީ ބޮޑު ބަދަލެއް ގެނައުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އުތީމުގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގެ ރަށްތައް ތަރައްޤީ ކޮށްގެންކަމަށެވެ. ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމާއި، އިޤްތިޞާދީގޮތުން ދުނިޔެއަށް ދިމާވާ އެކި ގޮންޖެހުންތަކާއެކުވެސް ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީ ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ލިބޭ އެންމެބޮޑު ހިތްހަމަޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އުތީމުގައި ކަރަންޓަށް 24 އަހަރު ރައްޔިތުން އުފުލަމުންދިޔަ ބުރަ، މިއަދު ނިމުމަކަށް އައުމަކީ މުޅި ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. އުތީމުގައި ފެނުގެ މަޝްރޫޢު ކުރިއަށް ގެންދެވި ކުރަންހުރި ތަރައްޤީގެ މަސައްކަތްވެސް މިދަރުގެ ތެރޭގައި ނިމިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑުތިލަދުންމަތީގެ ވަކިވަކި ރަށްތަކަށް ގެނެސްދެއްވާ ތަރައްޤީއާއެކު ރައީސްވަނީ އެމަނިކުފާނު މުޅި ބޮޑުތިލަދުންމައްޗަށް ގެންގުޅުއްވާ ތަސައްވަރުގެ މިންވަރެއްވެސް ޙިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރު ދަތުރުފަތުރުގެ ނިޒާމުން ބޮޑު ތިލަދުންމަތީގެ 41 ރަށް ގުޅާލާފައިވާއިރު، މިއީ އިޤްތިޞާދީ ގޮތުންވެސް ބޮޑު މަންފާއެއް ކުރާނެ ކަމެކެވެ.

މިއާއެކު ބޮޑު ތިލަދުންމައްޗަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ހަނިމަދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް އިޤްތިޞާދީ ބާރުވެރި ސަރަހައްދަކަށް ހެދުމަކީ ރައީސްގެ އަމާޒެވެ. އެއާޕޯޓު ތަރައްޤީ ކުރުމާއެކު ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އަށް ހާސް އެދު ބޮޑު ތިލަންދުން މަތީގައި ޤާއިމް ކުރުމަކީ ރައީސްގެ ތަސައްވަރެކެވެ. އެމަނިކުފާނު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ނިމުން ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތައް އިތުރު ވެގެންދާނެކަމަށެވެ.

ބޮޑު ތިލަދުންމަތީގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ބޮޑުތިލަދުންމައްޗަށް އިޤްތިޞާދީ ބޮޑު އިންޤިލާބެއް ގެނުވާނެ، ހދ.ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތާއެކު އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން އެސަރަޙައްދުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ޚާއްސަގޮތެއްގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވުމާއި ރާއްޖެއިން ބޭރަށް މިހާރު ކުރަންޖެހޭ ދަތުރުތަކަށް ލުއި ލިބިގެންދާނެކަން ރައްޔިތުން ފާހަގަކުރެއެވެ.

ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުތަކަށް މި އެއަރޕޯޓުން ޚިދުމަތް ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.