ރާއްޖޭގެ ކޯވިޑް ވެކްސިން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު، އޭޑީބީން 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ.
އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރްއެވެ.
އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުން ރާއްޖެއަށް މިދިން އެހީއަކީ ވެކްސިން ރައްކާކުރާ ފެސިލިޓީތައް ޤާއިމްކުރުމަށާއި، ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ދިން އެހީއެކެވެ.
އޭޑީބީން ބުނީ ކޯވިޑު ވެކްސިން ޖެހުމުގައި ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މިދިން އެހީއާއެކު ވެކްސިން ޖެހުމުގެ މަސައްކަތް ހަރުދަނާކޮށް، ބޫސްޓަރ ޑޯސް ޖެހުމާއި، ކުޑަކުދިންގެ ގަޔަށް ކޯވިޑު ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި ވެކްސިން ރައްކާކުރުމަށް ކޯލްޑް ސްޓޯރޭޖްތައް ގާއިމްކުރުމާއި، ޑެލިވަރީ އަދި މޮނިޓަރިންގެ މަސައްކަތަށްވެސް އެހީތެރިވެދޭނެ ކަމަށް އޭޑީބީން ބުނެއެވެ.
A grant of $10 million was signed today by Minister @iameeru and the @ADB_HQ to fund the storage, delivery, administration, and distribution of COVID-19 vaccinations. The @governmentmv 's nationwide efforts to develop the health sector would be assisted by this project. @MoHmv pic.twitter.com/3JoDvl6GGV
— Ministry of Finance (@MoFmv) September 27, 2022
މި އެހީގެ ދަށުން ހުޅުމާލޭގައި އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓުކުރާ، ސެންޓްރަލް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި ވެކްސިނާއި، ސިއްހީ އާލަތްތަކާއި، ލެބޯޓްރީ އާލަތްތައް ރައްކާކުރުމުގެ ޖާގަ ހުންނާނެއެވެ. އަދި ވެކްސިން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތަށް، 7 ލޯންޗާއި، 2 ރެފްރިޖެރޭޓަޑު ލޮރީ، އަދި 2 ވޭން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އޭޑީބީންވަނީ މީގެ ކުރީންވެސް ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ކޯވިޑުން ރައްކާތެރިވުމަށް ކޯވިޑު އެކްޓިވް ރެސްޕޮންސް އެންޑް އެކްސްޕެންޑިޗަރ ސަޕޯޓު ޕްރޮގްރާމްގެ ތެރެއިން 50 މިލިއަން ޑޮލަރު، އޭޝިއަން ޕެސިފިކް ޑިސާސްޓަރ ރިލީފް ފަންޑުގެ ދަށުން 1.5 މިލިއަން ޑޮލަރުގެ އިތުރުން، ޓެކްނިކަލް އެސިސްޓަންސްގެ ގޮތުގައި 2 މިލިއަން ޑޮލަރުގެ އެހީ އޭޑީބީންވަނީ ރާއްޖެއަށް ދީފައެވެ.