ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް 2022 ގައި ނޭޕާލުން ކުޅުނު ފަހު މެޗުން ބޫޓާން އަތުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު ނޭޕާލުން ކާމިޔާބުކުރީ 65-26 ޕޮއިންޓުންނެވެ.
މި މެޗުގެ ފުރަތަމަ ކުއާޓާގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ކުއާޓާ ނިމުނީ 12-10 ޕޮއިންޓުން ނޭޕާލް ކުރީގައި އޮވެގެންނެވެ. އެކަމަކު ދެވަނަ ކުއާޓާގައި ނޭޕާލުން ލީޑު ފުޅާކުރިއިރު، މި ކުއާޓާ ނިންމާލިއިރު އެ ޓީމުން ވަނީ 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.
މި މެޗުގެ ތިންވަނަ ކުއާޓާ އާއި ހަތަރުވަނަ ކުއާޓާގައިވެސް ނޭޕާލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ތިންވަނަ ކުއާޓާ އެ ޓީމުން ނިންމާލާފައިވަނީ 42-19 ޕޮއިންޓް ކުރީގައި އޮވެގެންނެވެ. އަދި ފަހު ކުއާޓާ ނިމުނުއިރު ނޭޕާލް ކުރީގައި އޮތީ 39 ޕޮއިންޓުގެ ފަރަގަކާއެކުއެވެ.
މި މެޗުގައި ނޭޕާލް ޓީމުން އެންމެ ރަނގަޅަށް ކުޅުނު އަނޫޝާ މައްލާ ވަނީ ދެ ރީބައުންޑް ނަގައިދީ 16 ޕޮއިންޓް ސްކޯކޮށްފައެވެ. އަދި ބޫޓާން ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޒުމްސެލް ފިންސޯ ވަނީ ހަ ރީބައުންޑް ނަގައިދީ 12 ޕޮއިންޓް ސްކޯކޮށްފައެވެ.
ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭ ގޮތަށް މި ފަހަރުގެ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް ރޭވިފައިވާއިރު، ނޭޕާލުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. އެއީ ބޫޓާން އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އަދި ބޫޓާނުން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، އެ ދެ މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.\