ކުޅިވަރު

ރާއްޖެ ބަލިކޮށް ލަންކާއިން ރަން މެޑެލް ދިފާއުކޮށްފި


މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް 2022 ގައި ރާއްޖެ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާއިން ރަން މެޑެލް ދިފާއުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވީ 72-59 ޕޮއިންޓުންނެވެ.

މި މޮޅާއެކު ލަންކާއިން ރަން މެޑެލް ދިފާއުކުރިއރު، ބުދަ ދުވަހުގެ ހަވީރު ބޫޓާން އަތުން މޮޅުވި ނޭޕާލަށް ވަނީ ރިހި މެޑެލް ކަށަވަރުވެފައެވެ. އެ މެޗު ނޭޕާލުން ކާމިޔާބުކުރީ 65-26 ޕޮއިންޓުންނެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ލަންކާއިން ވަނީ މި ކުއާޓާގައި ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމުން މި ކުއާޓާ ނިންމާލީ 23-11 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ކުއާޓާގައި ލަންކާއިން އެ ޓީމުގެ ލީޑު ހިފެހެއްޓިއިރު، މި ކުއާޓާގައި ރާއްޖޭން ވަނީ ގިނަ އެޓޭކުކޮށް ސްކޯކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އެކަމަކު ލަންކާއިން ވަރުގަދައަށް ޑިފެންސް ކުރިއިރު، މި ކުއާޓާ ލަންކާއިން ނިންމާލީ 46-22 ޕޮއިންޓުްނ ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ތިންވަނަ ކުއާޓާގައި ރާއްޖޭގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ކުއާޓާގައި ރާއްޖެއިން ވަނީ ލަންކާ ޕްރެޝަރަށް ދުއްވާލައިފައެވެ. އެގޮތުން ރާއްޖޭގެ ހައުމާ އުބައިދުﷲ ވަނީ މި ކުއާޓާގައި ތިން ތްރީ ޕޮއިންޓް ސްކޯކޮށްފައެވެ. އެކަމަކު މި ކުއާޓާ ނިމުނީ 66-49 ޕޮއިންޓުން ލަންކާ ލީޑުގައި އޮވެގެންނެވެ.

މި މެޗުގެ ފަހު ކުއާޓާގައި ލަންކާއިން ވަގުތުގެ ބޭނުން ހިފައިގެން ކުޅުނުއިރު، މި ކުއާޓާގައި ރާއްޖޭން ވަނީ ފަރަގު ކުޑަކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އެކަމަކު ލަންކާއިން ދެއްކި މޮޅު ކުޅުމާއެކު އެ ޓީމުން މެޗު ނިންމާލީ 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

މި މެޗުގައި ލަންކާއަށް އެންމެ ރަނގަޅަށް ކުޅުނީ ތިން ރީބައުންޑް ނަގައި 21 ޕޮއިންޓް ސްކޯކުރި އެޕްސިބާ ވޮޝިންޓަންއެވެ. އަދި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު އައިޝަތު އިނާޝާ ވަނީ ހަތަރު ރީބައުންޑް ނަގައި، 15 ޕޮއިންޓް ސްކޯކޮށްފައެވެ.

ލަންކާ އަތުން ރާއްޖެ ބަލިވިއިރު، މުބާރާތުގެ ފަހު މެޗުގައި ބޫޓާން ބަލިކޮށް ރާއްޖެއަށް ލޯ މެޑަލް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތުގެ ފަހު މެޗުގައި ރާއްޖޭން ބޫޓާނާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެރެއެވެ.